01 Jan 2022, 14:06
އާ އަހަރާ ގުޅިގެން މާލެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އިއްޔެ ހައްޔަރު ކުރީ ތިން މީހުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އޮޕަރޭޝަން ރިވެލި 2021ގެ ނަމުގައި އެއްގަމާއި ކަނޑުމަގުން ފުލުހުން ހިންގި އެ އޮޕަރޭޝަން ފަށައިފައިވަނީ މިދިޔަ މަހު 24ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުން އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި ބޭކާރުކޮށް މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބު ތަކަށް ބަލާއިރު އިއްޔެ ހަވީރު 4:00 އިން މިއަދު 6:00 އާ ހަމައަށް 387 ވެހިކަލު ޗެކުކޮށް، 789 ސަރަހައްދެން ބަލާފައިވެއެވެ.
އެ ވަގުތުތަކުގައި ވައްކަމުގެ ހަތަރު މައްސަލަ އަކާއި ފޭރުމުގެ ދެ މައްސަލައެއްގެ އިތުރުން މަސްތުވާތަކެތީގެ އެއް މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. އަދި މާރާމާރީގެ ތިން މައްސަލަ ވަނީ ހިންގައިފައެވެ.
މީގެ އިތުރުން 504 މީހުން ހުއްޓުވައި، ސުވާލު ކުރުމަށްފަހު ފޮނުވާލި އިރު، ޗެކް ކޮށްފައި ވަނީ 99 މީހުންނެވެ.
އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ވިދާޅުވީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އެ އޮޕަރޭޝަނުގައި އިތުރުކޮށްފައިވާނެ ކަމަށެވެ.
އެ އޮޕަރޭޝަނަކީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައި ވިޔަސް އާ އަހަރު ފެށުމަށްފަހު ވެސް އެ އޮޕަރޭޝަން ކުރިއަށް ދާނެއެވެ.