މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮގްރާމެކެވެ.

މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިދިނީ މާލޭ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ، މާލޭ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރު އަބްދުﷲ ރަމީޒުއެވެ.

ނިމިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު، ޖެނުއަރީ 1، 2022 ގައި ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މުއިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދާ ނިންމޭނެ ކަމަށެވެ.