އާ އަހަރުގެ އަޒުމަކަށް ހަދަންވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެ ކަމަށެވެ.

މިދިޔަ އަހަރަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއް ކަމަށެވެ. އަދި، މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ރައީސް ޝުކުރު ދެންނެވިއެވެ.

"އާ އަހަރަކަށް މަރުހަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެން ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުން. ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމައު އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާން ވިދާޅުވީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ރާއްޖެ މިވަނީ، އިގުތިސޯދީ ހަރަކާތްތައް އަލުން ފަށައިފައި ކަމަށާއި، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ރުޖޫއަވެވިފައި ވީ ނަމަވެސް، ކޮވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫން ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ހަގީގީ ތަރައްގީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މިފެށުނު އާ އަހަރަކީ، ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއްކަމުގައި ވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހުރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެން ދާނެ ކަމަށެވެ. އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ މަންފާ ގައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެންކަމަށް ރައީސް ވިދާޅުވިއެވެ.