ނިމިގެންދިޔަ 2021 ވަނަ އަހަރަކީ ދިވެހި ސަރުކާރަށް ވަރަށް ގިނަ ދަތިތަކާއި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި ފެށި އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް، ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ނަމުގައި، ދިވެހި ރައްޔިތުންނަށް ފޮނުވުމަށް ޓަކައި ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނިމިދިޔަ އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަނެވުނީ ދިވެހި މުޖުތައު އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ފެށުނު 2022 ވަނަ އަހަރަކީ އިގްތިސޯދީ ގޮތުން ވެސް ރާއްޖެއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރެވޭނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވައި ކަމަށެވެ.

މީގެ އިތުން އެންމެހާ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ސާބިތުވެ ތިބެވޭނެ އަހަރަކަށް މި އަހަރު ވެގެން ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް އާއި އަނބިކަނބަލުން މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި ސްރީލަންކާގައެވެ.