08 Mar 2012, 14:03
އަނިޔާވެފައިވާ ފައިގެ ސާޖަރީއަށް ފަހު، ބާރަ ހަފްތާތެރޭ އެސްޓަން ވިލާގެ ޑެރަން ބެންޓް އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އެކުލަބުން ހާމަކޮށްފި އެވެ.
ޕްރެމިއާ ލީގުގައި 0-0 ލަނޑުން ވިގަން އިން އެސްޓަން ވިލާ ހިފެހެއްޓި މެޗުގައި ބެންޓްގެ ފައިގެ ލިގަމެންޓަށް އަނިޔާއެއް ލިބިފައިވެ އެވެ. އެ އަނިޔާގެ ސަބަބުން މިސީޒަނުގެ އެއްވެސް މެޗެއްގައި ބެންޓް އަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
"ލަންޑަނުގެ ކުލިނިކަކުން ބެންޓް ވަނީ ފައިގެ އޮޕަރޭޝަން ކޮށްފައި. ވަރަށް ކާމިޔާބުކަމާ އެކު އޮޕަރޭޝަން ވަނީ ނިމިފައި. ބާރަ މަސް ދުވަސް ތެރޭ ބެންޓަށް އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވޭނެ ކަމަށް އުންމީދުކުރަން." ވިލާއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ބެންޓަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ އަށް އަންނަ ޖޫންގައި ޔޫކްރޭން އަދި ޕޮލެންޑްގައި ފަށާ ޔޫރޯ މުބާރާތުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ.