31 Dec 2021, 17:31
ރާއްޖެއިން އުމްރާއަށް ގޮސް އުލުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުންދަނިކޮށް ނިޔާވެފައިވަނީ ނ. ހޮޅުދޫ، ސާދާގެ، ހާމިދު މުހައްމަދުއެވެ. އޭނާ ނިޔާވީ ރޭ ދަންވަރު 12:15ހާއިރުއެވެ.
ހާމިދު ނިޔާވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގެއެވެ.
ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައެޅީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ.
އަލަށް އެކުލަވާލި އެ އުސޫލުގައި ވެސް ކުރިއެކޭ އެއްފަދައިން އުމްރާގެ އަޅުކަން އަދާކުރަން ދެވޭނީ އެކަމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް ރިޒަވޭޝަން ހައްދައިގެންނެވެ.
އެ އުސޫލުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް19އަށް ނެގެޓިވް ޓެސްޓް ސެޓްފިކެޓެއް އޮތުމާއި އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަ ދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން ހިމެނެއެވެ.
ކޮވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސައުދީގެ ހާރިޖީ ވަޒީރާއި އަދި ސައުދީ ސަރުކާރާއެކު މަޝްވަރާތައް ވެސް ކުރައްވާފައެވެ.