31 Dec 2021, 16:50
މޮސްކޯ (ޑިސެމްބަރު 31) : ޔުކްރޭންގެ މައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިޔާގެ ރައީސް ވްލާޑިމީރު ޕޫޓިން ފޯނުން މަޝްވަރާކުރައްވައިފިއެވެ.
ފަންސާސް މިނިޓަށް ކުރިއަށް ދިޔަ މިމަޝްވަރާތަކުގައި ޔުކްރޭންގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން ދެ ބޭފުޅުންކުރެ ކޮންމެ ބޭފުޅަކު އަނެއް ބޭފުޅަކަށް ކަންތައްތަކެއް ހުށަހަޅުއްވިކަމަށް ކްރެމްލިންއާއި ވައިޓް ހައުސް ބުނެއެވެ. މިހާރު އުފެދިގެން އުޅޭ ޔުކްރޭންގެ މައްސަލައަކީ ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހެދުމަށް އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން މަސައްކަތް ކުރާތީ އެކަމާ ރަޝިއާ އާ ދެކޮޅަށް ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރަޝިއާ ލައްކައެއްހާ ސިފައިން ބަރުހަތިޔާރާއެކު ޖަމާކުރުމުގެ ސަބަބުން އުފެދިފައިވާ މައްސަލައެވެ.
ޔުކްރޭންއަކީ ރަޝިއާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ގައުމަކަށްވެފައި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިފިނަމަ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ހަތިޔާރު ޖަމާކުރުމުގެ ފުރުސަތު ނޭޓޯއަށް ލިބޭނެތީ އެއީ ހުރަސްނުކުރެވޭނެ ރަތް ރޮނގެއްކަމުގެ އިންޒާރު ރަޝިއާ ވަނީ ދީފައެވެ.
ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ލައްކައެއްހާ ސިފައިން ބަރުހަތިޔާރާއެކު ޖަމާކުރުމުގައި ރަޝިއާގެ ބޭނުމަކީ ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހަދައިފިނަމަ ޔުކްރޭނަށް ހަމަލާދިނުމަށް ތައްޔާރުވުން ކަމަށާއި އެމެރިކާއާ އަސްކަރީ ގޮތުން ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަންވެސް ކުރަން ތައްޔާރަށް އޮތް ކަމަށް ރަޝިއާ ވަނީ ބުނެފައެވެ.
މި އިންޒާރާ އަދި ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރަޝިއާގެ ސިފައިން ޖަމާކުރުމާ ގުޅިގެން އެމެރިކާވަނީ ނޭޓޯގެ މެންބަރުކަން ޔުކްރޭނަށް ދިނުމަށް ފަސްޖެހިފައެވެ. ދުނިޔޭގެ ދެވަނަ އަސްކަރީ ބާރު ކަމަށްވާ ރަޝިއާއަކީ އެމެރިކާއަށްވުރެވެސް ނިއުކްލިއާ ގާބިލްކަން ބޮޑުގައުމެކެވެ. އެމެރިކާގައި ތިން ހާސް ނިއުކްލިއާ ހަތިޔާރު ހުރިއިރު ރަޝިއާގައި ހަތަރު ހާސް ނިއުކްލިޔާ ހަތިޔާރު އެބަހުއްޓެވެ.
ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ރަޝިއާއަށް ދީފައެވެ. ނަމަވެސް ޔޫރަޕުން ތެލާއި ގޭހަށް ބަރޯސާވަނީ ރަޝިއާއަށް ކަމަށްވާތީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އަމަލީގޮތުން ޔޫރަޕަށް ކުރެވޭނެކަމެއް ނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ޕޫޓިންއާއި ބައިޑެންގެ ފޯން މަޝްވަރާތަކާ ބެހޭގޮތުން ވައިޓް ހައުސްއިން ބުނީ ރަޝިޔާގެ ސިފައިން ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމާއި ރަޝިޔާ ސިފައިން ޔުކްރޭނަށް ހަމަލާދީފިނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރިން ރައްދު ވަރަށް ވަރުގަދަ ވާނެކަމުގެ އިންޒާރު ބައިޑެން، ޕުޓިންއަށް ދެއްވި ކަމުގައެވެ.
ނަމަވެސް އެމެރިކާ ވަނީ ޔުކްރޭންގެ ދިފާއުގައި ރަޝިއާއެކު ހަނގުރާމައަކަށް ނުދާނެކަމަށާއި ޔުކްރޭނަށް ފޯރުކޮށްދޭނީ ޒަމާނީ ހަތިޔާރާއި ލޮޖިސްޓިކް ސަޕޯޓާއި ޖާސޫސީ މައުލޫމާތު ކަމަށް އެތައް ފަހަރަކު ބުނެފައެވެ.
ފޯން މަޝްވަރާތަކާ ބެހޭގޮތުން ކްރެމްލިން އިން ބުނީ ނޭޓޯގެ މެންބަރުކަން ޔުކްރޭނަށް ދީގެން ރަޝިޔާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ހަތިޔާރު ޖަމާކުރުމުގެ ކުޑަވެސް ފުރުސަތެއް ރަޝިއާ ނުދޭނެކަމާއި އެކަން ހުއްޓުވަން ހަނގުރާމަކުރަން ޖެހިއްޖެނަމަ ރަޝިއާ އޮތީ ހަނގުރާމައަކަށް ތައްޔަރުވެގެން ކަމުގެ އިންޒާރު ޕޫޓިން ބައިޑެން އަށް ދެއްވި ކަމުގައެވެ.
މި އިންޒާރުތަކާއެކުވެސް، މަޝްވަރާތައް ކުރިއަށް ދިޔަގޮތާމެދު ރަޝިޔާއާއި އެމެރިކާގެ މަސްއޫލުވެރިންވަނީ ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ.