ތެހެރާން (ޑިސެމްބަރު 31) : އީރާނުން އައު ރޮކެޓެއްގައި ފަޒާއަށް ތިން ޑިވައިސް ފޮނުވުމުގައި ކާމިޔާބު ހޯދައިފިއެވެ. މި ތިން ޑިވައިސް ފޮނުވީ އީރާނުން ސެޓަލައިޓް ފޮނުވުމަށް އަލަށް ތަރައްގީކުރި ފަޒާގެ ބިޔަ ރޮކެޓް "ސިމްރޮގް" އިންނެވެ.

ފަޒާގެ އިލްމާބެހޭ އީރާނުގެ އިދާރާ "އީރޭނިއަން ސްޕޭސް އެޖެންސީ" ބުނާގޮތުން މި ތިން ޑިވައިސް އަކީ ފަޒާގައި އިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ މައުލޫމާތު ބިމުގައި ހުންނަ އީރާނުގެ ސްޕޭސް އެޖެންސީއަށް ފޮނުވާގޮތަށް ތައްޔާރުކޮށްފައިވާ ތިން ޑިވައިސް އެވެ. މިއީ ސެޓަލައިޓަށްވުރެ ކުދި ރީސާޗް ޝިޕްމެންޓްތަކެކެވެ. އީރާން ބުނާގޮތުން މި ޝިޕްމެންތައް ފޮނުވީ ސެޓަލައިޓް ފޮނުވުމަށް އަލަށް ތަރައްގީކުރި ފަޒާގެ ރޮކެޓް "ސިމްރޮގް" ޓެސްޓް ކުރުމުގެ ގޮތުންނެވެ.

އީރާނުގެ ގްރައުންޑް ސްޓޭޝަނެއްގައި އެގައުމުގެ ސައެންސްވެރިން

"ސިމްރޮގް" ރޮކެޓްވަނީ މި ތިން ޑިވައިސް ބިމުން ފެށިގެން 470 ކިލޯމީޓަރުގެ ދުރުމިނުގައިވާ އޯބިޓެއްގައި ބެހެއްޓުމުގައި ކާމިޔާބު ހޯދާފައެވެ. ސޮލިޑް ފިއުލް އިން މަސައްކަތްކުރާ މި ރޮކެޓް ޖައްވަށް ގޮސްފައިވަނީ ސިކުންތަކު ހަތް ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށާއި މި ރޮކެޓް އުދުއްސާލުމާ އަދި ފަޒާއަށް ގޮސް 470 ކިލޯމީޓަރު ގެ ދުރުގައިވާ އޯބިޓެއްގައި މި ތިން ޑިވައިސް ބެހެއްޓުމުގެ ހުރިހާ މަރުހަލާތަކެއްވެސް ކުރިއަށް ދިޔައީ ރާވާފައިވާ ގޮތަށް ކާމިޔާބުކަމާއެކުގައި ކަމަށް "އީރޭނިއަން ސްޕޭސް އެޖެންސީ" ގެ ތަރުޖަމާން އަހްމަދު ހުސައިނީ ވިދާޅުވިއެވެ.

އީރާނުގެ ސެއޓަލައިޓެއް

މިދިޔަ އަހަރު އީރާނުންވަނީ އަމިއްލަ ރޮކެޓެއްގައި ފަޒާއަށް ސެޓަލައިޓެއް ފޮނުވުމުގައިވެސް ކާމިޔާބު ހޯދާފައެވެ. އެއީ އީރާނުން ޖައްވަށް ފޮނުވި ތިންވަނަ ސެޓަލައިޓެވެ. އީރާނުން އެންމެ ފުރަތަމަ ޖައްވަށް ސެޓަލައިޓެއް ފޮނުވީ 2009 ވަނައަހަރުއެވެ. އެއީ "އުންމީދު" ގެ ނަމުގައި ފޮނުވި ވަރަށް ކުޑަކުޑަ ތަޖްރިބާ ސެޓަލައިޓެކެވެ. އެއަށްފަހު 2012 ވަނައަހަރު އެއަށްވުރެ ބޮޑު ސެޓަލައިޓެއް އީރާނުން ޖައްވަށް ފޮނުވާފައިވެއެވެ.

އީރާނުން ޖައްވަށް ފޮނުވަން ތައްޔާރުކުރާ ސެޓަލައިޓެއް

އެއަށްފަހު އެއަށްވުރެ ބޮޑެތި ސެޓަލައިޓްތައް ފޮނުވުމަށް ތިން ފަހަރެއްގެ މަތިން އީރާން ކުރި މަސައްކަތްވަނީ ނަކާމިޔާބުވެފައެވެ. ނަމަވެސް 2020 ވަނައަހަރު އީރާނުންވަނީ އެގައުމުގެ ތިންވަނަ ސެޓަލައިޓް ކާމިޔާބު ކަމާއެކު ޖައްވަށް ފޮނުވާފައެވެ. މި ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށް އީރާން ބޭނުންކުރީ އެގައުމުން އުފައްދާފައިވާ "ސަފީރު" މަރުކާގެ ރޮކެޓްތަކެވެ. އެއީ ޖައްވުގެ ލޯ އޯބިޓްތަކަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކުދި ރޮކެޓްތަކެކެވެ.

ނަމަވެސް އިއްޔެ އީރާނުން އަލަށް ތަޖްރިބާކުރި "ސިމްރޮގް" ރޮކެޓަކީ ޖައްވުމުގެ މެދުމިނުގެ އޯބިޓްތަކަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ސޮލިޑް ފިއުލްގެ ބިޔަ ރޮކެޓެކެވެ. މި ރޮކެޓް ބޭނުންކޮށްގެން ހަތަރު ސެޓަލައިޓެއް ޖައްވަށް ފޮނުވުމަށް އީރާނުގެ ސައެންޓިސްޓުން ގެންދަނީ ތައްޔާރުވަމުންނެވެ. މި ތިން ސެޓަލައިޓަކީ "ޒަފަރު 2" ، "ނާހީދު1" ، "ނާހީދު 2" އަދި "ޕާސް 1" އެވެ.

އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ރޮކެޓް އުފައްދައިގެން ސްޕޭސް ސްޓޭޝަންވެސް އަމިއްލައަށް ބިނާކޮށްގެން ފަޒާއަށް ސެޓަލައިޓް ފޮނުވި އެންމެ ފުރަތަމަ އިސްލާމީ ގައުމެވެ. އީރާނަށްފަހު ޕާކިސްތާނުންވެސްވަނީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓެއް ފޮނުވުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް އީރާނަށް ވުރެ ކުރިން 1962 ވަނަ އަހަރުގައާއި 1990 ވަނައަހަރު ޕާކިސްތާންވަނީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ރޮކެޓް ފޮނުވާފައެވެ.

ޕާކިސްތާނުން ޗައިނާގެ ފަންނީ އެހިއާއެކު އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓެއް ފޮނުވާފައިވަނީ 2018 ވަނައަހަރުއެވެ. އީރާނުން ފަޒާގެ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖީ ފަދަ ހައްސާސް ޓެކޮނޮލޮޖީތައް ތަރައްގީ ކުރަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ.