31 Dec 2021, 13:14
އައްޑޫ ސިޓީގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގެ ހާލަތު އުވައިލައި އާންމު ހާލަތަށް ގެނެސްފިއެވެ.
ކޮވިޑް ހާލަތު ގޯސްވުމުގެ ސަބަބުން، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލާފައި ވަނީ އޯގަސްޓު މަހުގެ 28ގައިއެވެ. އެ ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާރު އައްޑޫ ސިޓީ މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި މޮނިޓަރިންއާއި އެއާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް ވެސް އުވައިލައިފައިވާ ކަމަށެވެ.
އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފިޔަވަޅުތައް އަޅައިފައެވެ.
އެއާއެކު މި މަސް ތެރޭގައި ބަލި ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ބަލި ޖެހޭ މީހުންގެ އަދަދު ވެސް މަދުވެފައެވެ. އެގޮތުން އެއްވެސް ކޭހެއް ރިޕޯޓު ނުކުރާ ދުވަސް ވެސް ފާހަގަކުރެވިފައިވެއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން، އިއްޔެ އިރުއޮއްސި 6:00 ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި އެ ސިޓީން އަލަށް ކޮވިޑް ޕޮޒިޓިވްވެފައި ވަނީ އެންމެ ހަތަރު މީހުންނެވެ.
އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 44 އެވެ. އެއީ ހިތަދޫއިން 34 މީހުންނާއި މަރަދޫއިން ދެ މީހުންގެ އިތުރުން މީދޫއިން ދެ މީހަކާއި މަރަދޫފޭދޫއިން ފަސް މީހެކެވެ. އަދި ރިސޯޓުތަކުން އެކަކެވެ.
އައްޑޫގައި މިވަގުތު އެޑްމިޓްކޮށްގެން ހަތަރު މީހަކަށް ފަރުވާ ދެމުން ދާއިރު، މިހާތަނަށް ކޮވިޑްގައި އައްޑޫއިން 12 މީހުން ވަނީ މަރުވެފައެވެ.