ކުރީގެ ލިވަޕޫލް އަދި އިންޓަމިލާނުގެ ކޯޗް ރަފެއަލް ބެނިޓޭޒް ބޭނުން ވަނީ މުބާރާތްތައް ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތްކުރާ ކުލަބަކަށް ކަމަށް އޭނާ ބުނެފި އެވެ. ނަމަވެސް ޗެލްސީ އާއި ގުޅޭން ބޭނުންވާ ކަން ނުވަތަ ނޫން ކަމެއް ވެސް ބެނިޓޭސް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގެ ޕްރެމިއާ ލީގުގައި ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން ޗެލްސީ އަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އެކުލަބުގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް ވަނީ މަގާމުން ދުރުކޮށް، ޗެލްސީގެ އެސިސްޓަންޓް ކޯޗާއި ކުލަބު ހަވާލުކޮށްފަ އެވެ.

"އަހަރެން ކޯޗުކަން ކޮށްދޭން ބޭނުމީ ވަރުގަދަ ކުލަބަކަށް. މުބާރާތްތައް ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތްކުރާ ކުލަބަކަށް. އަހަރެން ލިވަޕޫލާއި ހަވާލުވިއިރު ވެސް ހުރީ ހަމަ މި ޚިޔާލު. އިންޓަ އަދި ވެލެންސިއާ އާއި ހަވާލުވީ ވެސް އެސަބަބާ ހެދި. ޗެމްޕިއަންސް ލީގުގައި އަހަރެންގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިން. އެއީ ވާދަކޮށް މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރުން." ބެނިޓޭޒް ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ވިޔަސް ބޮއަސް ދުރުކުރުމުން ހިތާމަކުރާ ކަމަށާއި، އިނގިރޭސި ފުޓުބޯޅަ އަށް ހޭނުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ބެނިޓޭޒް ބުނެފައިވެ އެވެ.

"އެއްވެސް ކޯޗެއްގެ މަގާމު ގެއްލޭކަށް އަހަރެން ނޭދެން. ކޮންމެ ކޯޗެއް ވެސް ބޭނުންވާނީ ކޮންމެ ހަފްތާއަކީ ކާމިޔާބީ ހަފްތާއަކަށް ވުމަށް. އަހަރެންނަށް ސްޕެއިން ފުޓުބޯޅައިގަ އާއި އިޓަލީ ފުޓުބޯޅައިގެ ވެސް ތަޖުރިބާ ލިބުނު. ނަމަވެސް ދެމެޗަކަށް ފަހު ޖެހުނީ ޕްރެޝަރާއި ކުރިމަތިލާން." ބެނިޓޭޒް ބުންޏެވެ.

ލިވަޕޫލް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ބެނިޓޭޒް، އެކުލަބުގެ ކޯޗު ކަމުން ދުރުކުރީ ނާކާމިޔާބީތަކަކާއި ކުރިމަތިލާން ޖެހުމުންނެވެ. ލިވަޕޫލްގެ ކޯޗުކަމުން ދުރުކުރުމުން އިންޓަމިލާނާއި ގުޅުނު ބެނިޓޭޒް އަށް އެކުލަބަށް ވެސް އެދެވޭ ކާމިޔާބީއެއް ހޯދައިނުދެވުމުން އެކުލަބުގެ ކޯޗު ކަމުން ވެސް ދުރުކުރި އެވެ.