30 Dec 2021, 22:31
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކުން އަތުލި މަސްތުވާތަކެތީގެ ބޮޑަކީ ކުރިން ކުށް ސާބިތު ނުވެގެން ދޫކޮށްލާފައި ހުރި ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދުކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ބުރުޒުމަގުން ޓެކްސީއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި އަޅާފައިހުރި 28 ރަބަރު ޕެކުޓު ވަނީ ހޯދާފައެވެ. އަދި ސައިކަލެއްގެ މަޑި ދަށުން ވެސް ވަނީ ފަސް ޑްރަގު ޕެކެޓު އަތުލައި ގަނެފައެވެ.
އެ ހުރިހާ މަސްތުވާތެކެތީގެ ޖުމްލަ ބަރުދަން 100 ކިލޯއަށްވުރެ މައްޗެވެ.
އަރުޝަދުގެ އިތުރުން އެ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނަކީ އޭނާގެ ބޭބެ އަހުމަދު މުޖާހިދު،29، އާއި ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު،52، އާއި ހަމަ އެރަށު ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާން،31، ކަމަށް ފުލުހުން ބުންޏެވެ.
އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށްފަހު އަރުޝަދު ހާލިދު އާއި މުހައްމަދު އަކްރަމް އަބްދުލް ހަންނާން ވަނީ ރާއްޖޭން ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ އެންމެ އިސްމީހަކީ އަދި އިރުޝާދު ދީފައިވަނީ އަރުޝަދު ކަމަށްވެސް ފުލުހުން ބުނެއެވެ.
ޑްރަގު އެތެރެކޮށް ގެންގުޅުމުގެ މައްސަލައެއްގައި މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އަރުޝަދު ހައްޔަރު ކުރީ ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކުގައެވެ. އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުން ކުރުމާ އެކު އޭނާ ވަނީ މިނިވަންވެފައެވެ.
އަރުޝަދާއެކު އެ މައްސަލާގައި އަހްމަދު ސުނައިން އާއި އަލީ ޒުބެއިރަށް ވެސް ދައުވާކުރިއެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިނިވަންވުމާއެކު ދުބާއީގައި ހުރެގެން އޭނާގެ ޑްރަގް ނެޓްވޯކް އޮޕަރޭޓްކުރާ ކަމަށް ތުހުމަތުކުރެވެއެވެ.