ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވަންގް ޔީ އަންނަ ޖެނުއަރީ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ވަންގް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުުރު ފުޅަކީ ރާއްޖެ އާއި ޗައިނާއާއި ދެމެދުވާ ހާރިޖީ ގުޅުމަށް 50 އަހަރު ވުމާ ގުޅިގެން އެ މުނާސަބާ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އޭނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ ހަތް ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތައް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޗައިނާ އެމްބަސީން ކޮށްފައިވާ ޓުވީޓެއްގައިވެއެވެ.

ވަންގް މި ދަތުރުފުޅު ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެންނެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުވެސް ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަންގް ކުރައްވާނެއެވެ.

ވަންގްގެ މި ދަތުރުފުޅު ވާނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ މިނިސްޓަރަކު ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރަށެވެ.

އެންމެ ފަހުން ވަންގް ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުގައި ވީނަމަވެސް ސަރުކާރުގެ އިސްވެރިންނާ އޭނާ ބައްދަލު ކުރެއްވިއެވެ.

ރައީސް ޔާމިނުގެ ވެރިކަމުގައި ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ވަނީ ބާއްވާފައެވެ. ޗައިނާގެ އެހީތެރިކަމާ އެކު ގިނަ މަޝްރޫއުތަކެއް އޭރު ވަނީ ރާއްޖޭގައި ހިންގާފައެވެ.