30 Dec 2021, 20:57
ކ. މާފުށިން ކޮވިޑް-19އަށް ބަޔަކު ފައްސިވުމާ ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލީނަމަވެސް އާއަހަރު ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މާފުށި މޮނީޓަރިންއަށް ގެނެސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މާފުއްޓަކީ ރާއްޖޭގައި ގެސްޓުހައުސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރުމުން އަންނަ ރަށެވެ. މި ރަށުގައި އަބަދުވެސް އާ އަހަރު ކުލަގަދަކޮށް ފާހަގަ ކުރެއެވެ.
ނަމަވެސް މި އަހަރު އާއަހަރާ ދިމާކޮށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުގެ ސަބަބުން އެ ރަށް މޮނީޓަރިންއަށް ލީނަމަވެސް އާ އަހަރު ފާހަގަ ކުރުމަށް ދައްޗެއް ނުވާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހަސަން ޞަލާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަރަކާތްތައް [އާ އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް] ކުރިއަން ގެންދަން ރާވާފައި މި އޮތީ. އެޗްޕީއޭގެ ގައިޑްލައިން އާ އެއްކޮށް. އެއީ މިއަށްވުރެ ހާލުގަ އޮއްވާ ވެސް އަޅުގަނޑުމެން ފާހަގަ ކުރީ މިދިޔަ އަހަރު" ޞަލާހު ވިދާޅުވިއެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ލީނަމަވެސް އެ ރަށަށް އަރާ ފޭބުމަށް ދައްޗެއް ނެތްކަމަށްވެސް އެނާ ވިދާޅުވިއެވެ.
"އެޗްޕީއޭއިން އަންގާފައި ވަނީ ރަށުގައި ވެކްސިން ޖާހާ އުމުރުގެ 95 ޕަސެންޓުގެ މީހުން ވެކްސިން ޖަހާފައި ވުމުގެ ސަބަބުން ދަތުރު ފަތުރުކުރުމަށް ދަތި ނުވާނެކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މާފުށީގައި މި ވަގުތު ޕޮޒިޓިވް 21 މީހެއް އެބަ ތިއްބެވެ. އަދި އެ ރަށު ކައުންސިލުން ރައްކާތެރި ވުމުގެ ގޮތުން އާންމުން ދިރިއުޅޭ ތަންތަނުގައި އަދި ފިހާރަ ތަކުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައިވާކަމަށް ވެސް ޞަލާހު ވިދާޅުވިއެވެ.
އާ އަހަރު ފާހަގަ ކުރުމަށް މާފުށީގައި ސީޒަން ގްރީޓިންގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި ހަވާ އަރުވައި ގާލާ ޝޯއެއް ޑިނާއާއެކު ބާއްވާނެވެ.