މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބުލް އެހްތިޝާމް އަބުދުލް މުހައިމެން މަގާމުން ވަކިކޮށްފިއެވެ.

ވަގުތީ ގޮތުން އެ ބޭންކު ހިންގަމުންދާނީ އެކްޓިން ސީއީއޯގެ ހައިސިއްޔަތުން ސީއޯއޯ އަހްމަދު ރިޒާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އަބުލްއެހްތިޝާމް މަގާމުން ވަކިކުރީ އެމްއައިބީގެ ބޯޑު ބައްދަލުވުމެއްގައި ކަމަށް އެ ބޭންކުން ނެރުނު ބަޔާނެއްގައިވެއެވެ.

އޭނާ މަގާމުން ވަކިކުރީ ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީ އަކާއި އޮޑިޓް އަދި ޕޮރޮސެސް ރިވިއުއަށްފަހު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ވަނީ މަގާމުން ސަސްޕެންޑު ވެސް ކުރިއެވެ.

ބޭންކިން ދާއިރާއާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ފިޓް އެންޑް ޕޮރޮޕާ" ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭ ކަމަށް އެ މައްސަލައިން ފާހަގަވާކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބަންގަލަދޭޝްގެ އަބުލްއެހްތިޝާމް އައްޔަންކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޭނާ އަކީ ބޭންކިން ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.