30 Dec 2021, 19:37
ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 ގެ ނަތީޖާއަކުން ކުލަބް އީގަލްސް ބަލިކޮށްފިއެވެ.
މުބާރާތުގައި ސަސް އެއްމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ވަނީ 3-1 ގެ ފުރިހަމަ ނަތިޖާއަކުން މޮޅުވެފައެވެ. އަދި ކުލަބް އީގަލްސް މުބާރާތުގެ ގަދަ ބާރު މާޒިޔާ ސްޕޯޓްސް ކްލަބު އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސްގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް އަތީގްއެވެ. އަތީގު މި ގޯލު ޖެހީ 35 ވަނަ މިނެޓުގައެވެ.
ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާ އެކުގައެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ސަސް އިން ރަނގަޅު ކުޅުމެއް ވަނީ ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފީލްޑާ ޔަސްފާދު ހަބީބް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މިއީ ޔަސްފާދު މި މުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ.
އެހެންނަމަވެސް ދެން ފެނުނީ ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެކެވެ. ގޯލު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިފައެވެ.
މި ނަތީޖާއާ އެކު ސަސް ވަނީ ތާވަލްގެ ތިން ވަނައަށް އަރާފައެވެ. ދެވަނައިގައިވާ މާޒިޔާ މިރޭ ޓީސީއަތުން މޮޅުވެއްޖެ ނަމަ އެއްވަނައަށް އަރާނެއެވެ. އަދި އެއްވަނައިގައި އޮތް ކުލަބް ވެލެންސިއާ ގޯލް ޑިފަރެންސް އިން ދެވަނައަށް ވެއްޓޭނެއެވެ. ވެލެންސިއާ އިއްޔެ ހަވިރު ދަގަރާންޑޭ ސްޕޯޓްސް ކްލަބު އަތުން މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.