30 Dec 2021, 17:48
އައު އަހަރާ ދިމާކޮށް އެއްގަމާއި ކަނޑުމަގުން، ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
އޮޕަރޭޝަން ރިވެލި 2021ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން ފަށައިފައިވަނީ މި މަހު 24ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުން އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި ބޭކާރުކޮށް މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ވިދާޅުވީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް މި އޮޕަރޭޝަނުގައި އިތުރުކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން، މާލެ ތެރޭގައި ފުލުހުންނަށް ފާހަގަ ކުރެވިފައި ހުރި ހޮޓްސްޕޮޓްތައް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްތާން ވިދާޅުވީ މި އޮޕަރޭޝަން ފަށައިގެން މިއަދާ ހަމައަށް 2260 މީހުން ޗެކް ކުރެވިފައިވާ ކަމަށެވެ. އަދި 88 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މި އޮޕަރޭޝަނުގައި މާލެ ތެރޭގައި ޗެކް ޕޮއިންޓުތައް ޖަހައި ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް ވެސް ކުރާ ކަމުގައި ވެސް ސުލްތާން ވިދާޅުވިއެވެ.
"ވެހިކަލްތައް ޗެކު ކުރުމާއެކީ ފިޔަވަޅު ވެސް އަޅަމުން އެބަ ގެންދަން،" ސުލްތާން ވިދާޅުވިއެވެ.
މިހާތަނަށް ފުލުހުން ވަނީ މި އޮޕަރޭޝަނުގައި 3516 ވެހިކަލެއް ޗެކު ކޮށްފައެވެ. އެ ބަލާ ފާސްކުރުމުގެ ތެރޭގައި އެއްވެސް ގޮތަކަށް ލައިސެންސް ނެތި ދުއްވާކަމަށް 62 މީހުން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ވެސް ހަތް މީހަކު ފުލުހުން ވަނީ ހުއްޓުވާފައެވެ. މި އޮޕަރޭޝަނުގައި ފުލުހުން މިހާތަނަށް 84 ވެހިކަލް ވަނީ ޓޯ ކޮށްފައެވެ.
މި އޮޕަރޭޝަންގައި ކޮވިޑް-19ގެ މިންގަނޑުތަކަށް އަމަލު ކުރަނީ ކިހާވަރަކަށްތޯ ފުލުހުން ބަލާނެއެވެ. އެގޮތުން މާސްކު ނާޅައި އުޅުމުގެ ސަބަބުން 165 މީހަކު ހުއްޓުވައިފައިވާއިރު 119 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން ކަމުގައި ފާހަގަ ކުރެވޭ މީހުންނަށް ފުލުހުންގެ މި އޮޕަރޭޝަނުގައި ހާއްސަ ސަމާލުކަމެއް ދޭނެއެވެ.
މި އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައި ވިޔަސް އައު އަހަރު ފެށުމަށްފަހު ވެސް މި އޮޕަރޭޝަން ކުރިއަށް ދާނެއެވެ.