30 Dec 2021, 17:35
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
މާދަމާ ހެނދުނު 6:30 ގައި ފަށާ މި ދުވުމުގައި ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ދުވުުމުގައި ވަޒިރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެޑްވަކޭޑިން ރައިޓްސް އޮފް ޗިލްޑްރަންސް (އާކް)އަށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.
އެމްޕީއެލްއިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދަށް ވެސް ވަނީ ޖޯޒީ ހަވާލުކޮށްފައެވެ.