08 Mar 2012, 13:20
އޭއެފްސީ ޗެލެންޖްކަޕްގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު ތުރްކުމެނިސްތާނާ ދެކޮޅަށް ނިކުންނައިރު ރާއްޖެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ)އަށް މެޗުގައި ނުކުޅެވުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 2:15 ގައި ރާއްޖެ ތުރުކުމުނިސްތާނާ ދެކޮޅަށް ނުކުންނަ އިރު ޓީމުގެ އެންމެ މުހިއްމު ފޯވާޑް ދަނގަޑޭއަށް ނުކުޅެވެނީ ދެ ރީންދޫ ކާޑާއެކު، އޭނާ މިއަދު މެޗަށް ސަސްޕެންޑް ކޮށްފައިވާތީ އެވެ.
ސަން މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް މިއަދު ވިދާޅުވީ، ދިވެހި ޓީމް މިއަދުގެ މެޗަށް ނިކުންނައިރު ކެޕްޓަން އަޝްފާގަށް ނުޅެވުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެހެންނަމަވެސް އަޝްފާގް ނެތްތަން ފޫބެއްދުމަށް ޓީމުގެ މެނޭޖްމަންޓުން މަސައްކަތް ކުރާނެކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަން އަޝްފާގް ނެތްތަން ފޫބެއްދުމަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް މިއަދުގެ މެޗުގައި މަސައްކަތް ކުރާނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ ދިވެހި ޓީމް މިއަދުގެ މެޗުން މޮޅުވުން. އަޝްފާގަކީ މިސަރަހައްދުގައި ހުރި އެންމެ މޮޅު ފޯވާޑް" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މިއަދު ހެދުނުގެ ވަގުތެއްގައި ދިވެހި ޓީމުގެ ކުޅުންތެރިންނަށް ފޯނުން ގުޅުއްވައި ހިތްވަރު ދެއްވި ކަމަށެވެ. އަދި މިއަދުގެ މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ރީތި މޮޅު ކުޅުމެއް ފެންނާނެ ކަމާމެދު އުންމީދު ކުރައްވާކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މުބާރާތުގެ ޓީމުތައް ދެ ގުރޫޕަކަށް ބެހިފައިވާ އިރު، މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގަ އެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތުރުކެމެނިސްތާން، ނޭޕާލް އަދި ފަލަސްތީނެވެ. މި ގުރޫޕްގެ ޓީމްތަކަށް ބަލާ އިރު، ކޮންމެ ޤައުމަކުން ވެސް ވަނީ މުބާރާތަށް އެކަށީގެންވާ ގޮތެއްގައި ފަރިތަކުރުންތައް ގެންގޮސްފަ އެވެ. މިގޮތުން އެންމެ ބޮޑަށް މި މުބާރާތައް ތައްޔާރުވެފައި ވަނީ، މުބާރާތް ބާއްވާ ޤަޢުމުކަމަށްވާ ނޭޕާލެވެ.
ރާއްޖެއާ ދެކޮޅަށް ތުރްކުމެނިސްތާނާ މިއަދު ކުޅޭ މެޗް ޓީވީއެމް އާއި ސަން މީޑިއާ ގުރޫޕުން ލައިވް ކުރާނެ އެވެ.