30 Dec 2021, 11:35
ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މެންބަރުން ރެޖިސްޓްރީ ކުރުމުގެ ވަގު ފޯމު ހުށަހަޅާ ކަމަށާއި އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އީސީގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ ޕާޓީ އުފައްދަން ހުށަހަޅާ ފޯމު ސެޓުތަކުގައި، ސައްހަ ނޫން ފޯމު އިންތިހާއަށް ގިނަ ކަމަަކަށެވެ. މި މައްސަލަ ހައްލުކުރުމަށް ޕާޓީތަކުގެ އިސްވެރީންނާއެކު މީގެ ކުރީން ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ކަމަށް ފުވާދު ވިދާޅުވިއެވެ.
މި ކަމުގައި ވަކި ޕާޓީއެއް އިސްތިސްނާވުމެއް ނެތް ކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ ހުރިހާ ޕާޓީތަކަށް ވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ.
"ދެން މިކަމުގައި [ފޭކު ފޯމު ހުށަޅާ މައްސަލައިގައި] އަޅުގަނޑުމެން ހަމަ ދޭތެރެ ދޭތެރެއިން ހުރިހާ ޕާޓީތަކެއްގެ ބޭފުޅުންނާ އެކީ ވެސް މަޝްވަރާކޮށް ހަދަން، ދެން ތި ވިދާޅުވާ މައްސަލައަކީ ހަމަ ހުރިހާ ޕާޓީއަކަށް އެބައޮތް ދިމާވެފަ އެ މައްސަލަ އިނގޭތޯ، ވަކި ޕާޓީއަކަށް އިސްތިސްނާއެއް ނުކުރެވޭ،" ފުވާދު ވިދާޅުވިއެވެ.
ފުވާދު އިތުރަށް ވިދާޅުވީ މިއީ ބޮޑު މައްސަލައެއް ނަމަވެސް ހުރިހާ ފޯމެއް ވަކިވަކީން ބަލައި، ސައްހަކަން ކަށަވަރުކުރުމުގެ އުސޫލެއް އެ ކޮމިޝަނުގައި ގާއިމްވެފައި ނެތް ކަމަށެވެ.
"މި އޮންނަނީ ޕާޓީތަކުން އެކަމުގައި ޒިންމާވާ ގޮތަށް، ޕާޓީގެ ފަރާތުން ސޮއިކުރައްވަން ޖެހިވަޑައިގަންނަވާނެ މި ދެނީ ތެދު މައުލޫމާތު ކަމަށާއި މިއީ ހަމަ ރަނގަޅު ފޯމެއް ކަމަށް. އޭގެ އިތުރުން ވެސް ދެ މީހުންގެ ސޮއި ވެސް އެބަ އޮވޭ،" ފުވާދު ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހިނގައިފައިވަނީ ޕާޓީތަކަށް ވެސް އެނގިގެން ނޫން ކަމަށް ޕާޓީތަކުން ބުނާ ކަމަށް ފުވާދު ވިދާޅުވިއެވެ.
"ޕާޓީތަކުން ދެން މި ވިދާޅުވަނީ ތިމަންނަމެންގެ މެންބަރުން މި ލިބެނީ ރާއްޖޭގެ ހުރިހާ އެކިއެކި ކަންކޮޅުތަކުންނޭ. އެއީ ސަޕޯޓަރުން ފުރި ފޯމުތަކެކޭ. ތިމަންނަމެންނަށް ތިކަމާ ބެހޭ މައުލޫމާތު ނޭނގެޔޭ،" ފުވާދު ވިދާޅުވިއެވެ.
އުސޫލެއް ގާއިމްވެފައި ނެތް ނަމަވެސް، އެފަދަ ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބަލައި، އެ މީހަކު އެ ޕާޓީއެއްގެ ދަފްތަރު އުނިކޮށްދޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ.