30 Dec 2021, 09:35
މަސްމިރުސް ޕެކެޓުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ހަބަރުމާގޭ، އުމުރުން 39 އަހަރުގެ އިބްރާހިމް ފައިސަލްއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.
މުއްދަތު މަޖިލީހުގައި އޭނާ ވަނީ މަސްމިރުސް ޕެކެޓުތައް ވަގަށް ނެގި ކަމަށް އިއުތިރާފުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ ޝަރުތުތަކަކަށް ފަހު ބަންދުން ދޫކޮށްލުމަށް އެދިފައެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމައިފައިވަނީ އޭނާއަކީ މިފަދަ ކުށްތަކުގެ ރިކޯޑު ގިނަ މީހަކަށްވާތީ، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުރަ ވެވޭތީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.