30 Dec 2021, 08:01
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ޑެނީ ވެލްބެކް ޖެހި ގޯލާއެކު ބްރައިޓަން އިން ވަރުގަދަ ޗެލްސީ ހިފަހައްޓައިފިއެވެ.
ސްޓަމްފޯޑު ބްރިޖުގައި ރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިންނެވެ. ޗެލްސީއަށް ލިބުނު އެއް ޕޮއިންޓާއެކު އެޓީމު އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ބްރައިޓަން އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.
ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލަދިނީ އުމުރުން 28 އަހަރުގެ ރޮމޭލޫ ލުކާކޫއެވެ. ގޯލު ޖެހިތާ މިނެޓެއް ފަހުން އެހާފުގައި މޮޅު ކުޅުމެއް ދެއްކި ރީސް ޖޭމްސް ވަނީ އިންޖަރީވެގެން ދަނޑުން ބާލާފައެވެ.

..މެޗުގެ 28 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރު ރޮމޭލޫ ލުކާކޫ ބޮލުން ފޮނުވާލަނީ-
ފުރަތަމަ ހާފު ނިމުނުއިރު 1-0 ގެ ނަތީޖާގައި އޮތް އިރު ޗެލްސީއިން ލީޑު ފުޅާކުރުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ބްރައިޓަންގެ ޑިފެންޑަރުން ވަނީ ހަމަލާތައް ބްލޮކްކޮށްފައެވެ.
ދެވަނަ ހާފުގައި ބްރައިޓަން އިން ގޯލު ކުރިމައްޗަށް ނަގާ ހުރަސްތައް ގިނަ ކުރިއެވެ. ގޯލު ޖަހާ ފުރުސަތުތައް ފަހި ކުރިއެވެ. ނަމަވެސް ބްރައިޓަންގެ ފޯވާޑުން އުފެއްދި ގިނަ ހަމަލާތައް ޗެލްސީގެ ކީޕަރު އެޑޮގާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ އެއް މިނެޓުގައި ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މާކް ކުކުރެއްލާ ނަގައިދިން ހިތްގައިމު ހުރަހަކުން ޑެނީ ވެލްބެކް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިއެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ޖަހާފައިވަނީ ބޮލުންނެވެ. ޗެލްސީއަށް ރޭ އެއް ޕޮއިންޓް ލިބުމާއެކު އެ ޓީމާ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އޮތީ އަށް ޕޮއިންޓުގެ ފަރަގެކެވެ. ރޭ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއިންނެވެ. ސިޓީއަށް ގޯލު ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރޭނާ ނަގައިދިން ހިތްގައިމު ހުރަހަކުން ޒުވާން ފިލް ފޮޑެންއެވެ.