ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް އަންނަ ޖެނުއަރީ މަހުގައި ބަދަލުނުވާނެކަމަށާއި ޕީއެސްޖީގައި ހުންނާނެ ކަމަށް އޭނާއަށް ހަވާލާދީ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް ފެބްރިޒޯ ރޮމާނޯ ބުނެފިއެވެ.

ފުޓުބޯޅައިގެ ޓްރާންސްފާގެ ކަންތައްތައް ދިރާސާކުރުމުގައި ފުންނާބުއުސް މަޝްހޫރު ނޫސްވެރިޔާ ފެބްރިޒޯ ރޮމާނޯ ބުނީ އަންނަ ސީޒަނުގައި އެމްބާޕޭ ރެއާލަށް ބަދަލުވާނެކަމަށް އަޑުފެތުރުނު ނަމަވެސް އޭނާ ޕީއެސްޖީ ދޫކޮށް ދާން ބޭނުންނުވާ ކަމަށާއި އެޓީމަށް ކުޅުމަކީ އޭނާ އަބަދުވެސް އުފާވާ ކަމެއް ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޕީއެސްޖީން ރެއާލް މެޑްރިޑާ ދެކޮޅަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުރިމަތިލުމަށް ނުކުންނާނެއެވެ. އަދި ދެވަނަ ކުރިމަތިލުމަށް އަންނަ މާޗު މަހުގެ 10 ވަނަ ދުވަހު ނުކުންނާނެއެވެ.

އެމްބާޕޭ ބުނާ ގޮތުގުގައި އޭނާގެ އަމާޒަކީ ކަށިން ހިތްވަރު ނެރެގެން ނަމަވެސް އެ ދެ މެޗުގައި ރެއާލް މެޑްރިޑު ބަލިކުރުމެވެ.

"ޗެމްޕިއަންސް ލީގަކީ ފުޓުބޯޅަ ސީޒަނެއްގެ އެންމެ މުހިންމު އެއްބައި. ޔަގީނުންވެސް އަހަރުމެން ތެދުވަން ބޭނުން. މިހާރު ދެ އަހަރު ވީ އަހަރުމެން ފައިނަލްގައި، ސެމީ ފައިނަލްގައި ނުކުޅޭތާ. އެހެންވީމަ މިފަހަރު އަހަރުމެން މޮޅުވާން ބޭނުން،" އެމްބާޕޭ މީޑިއާށް ބުނެފައި ވެއެވެ.

އެމްބާޕޭ ބުނިގޮތުގައި އޭނާ ޕީއެސްޖީގައި ހުރީ އުފަލުންނެވެ. އަދި އޭނާގެ އަމާޒަކީ އެ ކްލަބާއެކު މި ސީޒަނުގެ ހުރިހާ ތައްޓެއް އުފުލާލުމެވެ.