30 Dec 2021, 01:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް "ބާމިންހަމް 2022- ކްއީންސް ބެޓްން"އަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ދެއްނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ރައީސްގެ އަތްޕުޅަށް "ބާމިންހަމް 2022- ކްއީންސް ބެޓްން" އަރުއްވާފައެވެ.
މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި "ބާމިންހަމް 2022- ކްއީންސް ބެޓްން"ގެ ރަސްމީ ޖާޒީ ވަނީ ރައީސް، އަށާއި ނައިބު ރައީސަށް ވެދުން ކުރައްވާފައެވެ.
ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ.
އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީހީ ދަތުރުގައި، ކޮމަންވެލްތްގެ 72 ގައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދާނެއެވެ.
އެ ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްގައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.
ސޯޅަ ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީހީ ދިގު ދަތުރު ނިންމާލާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައި ބާމިންހަމް ގައި ބާއްވާ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.