ފިލިޕީންސަށް އަރައިފާއިވާ ތޫފާން ރާއީގެ ސަބަބުން ހާލުގައި ޖެހިފައިވާ ކޮންމެ ދިވެހި ދަރިވަރަކަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން 200 ޑޮލަރު ހަދިޔާކޮށްފިއެވެ.

ފިލިޕީންސަށް މި މަހުގެ ތެރޭގައި އެރި ބާރުގަދަ ތޫފާން "ރާއީ"ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ސީބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ސަރަހައްދަށެވެ.

މި ތޫފާނުގެ ސަބަބުން މި ސަރައްހައްދުގައި ކަރަންޓު ކަނޑައިގެން ގޮސް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ކާބޯތަކެތި ހޯދުމަށާއި އެހެނިހެން އަސާސީ ހިދުމަތްތަށް ހޯދުމަށް ވަނީ ދަތިވެފައެވެ.

މި ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ދިވެހި ދަރިަވަރުންނަށް އައިއޭސީން އެހީވެފައިވާކަމަށް މިއަދު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކޮަށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ތިރީސްތިން ދަރިވަރުންނަށް ހަދިޔާކުރެވުނު ފައިސާ އަކީ އެ ދަރިވަރުންގެ އަސާސީ ކަންކަން ކުރުމަށް އެހީވުމުގެ ގޮތުން ދީފައިވާ ފައިސާކަމަށް އައިއޭސީން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ދަރިވަރުންނާއި ގުޅައި މައުލޫމާތު އޮޅުންފިލުވުމުން އެނގުނީ ދަރިވަރުން ބޭނުންވަނީ ރައްކާތެރި އެކި ސަރަހަށްދުތަކަށް ބަދަލުވާން ކަމަށެވެ. އެހެންކަމުން އެ ދަރިވަރުންގެ އެ އެދުމަށް ދެވޭނެ އެހީތެރިކަމަކީ ފައިސާގެ އެހީ ދިނުންކަމަށް ފާހަގަކުރެވިފައިވާތީ ފައިސާގެ އެހީދިނީ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އެހީއާއި އެކު ދަރިވަރުން ބަދަލުވި އާ އިމާރާތްތަކުގެ ކުލި (ގާތްގަނޑަކަށް ދަރިވަރަކަށް 100 ޑޮލަރ) އަދި ފެނާއި ކެއުން މި ފައިސާއިން ދައްކާ، އަލުން ކިޔެވުން ފެށުމަށް ފަސޭހަވެގެން ދިޔުމެވެ" އައިއޭސީން ބުންޏެވެ.

މި މަހުގެ 23 ވަނަ ދުވަހު ދަރިވަރުން ގެ ފަރާތުން އައިއޭސީއާ މުޢާމަލާތު ކުރަމުން އައި ދަރިވަރު، މުޙައްމަދު އަސީލް ހުސެއިން އަށް 22 ދަރިވަރުންނަށް ވީ ފައިސާ ވަނީ ހަވާލުކޮށްފައެވެ.

މި 22 ދަރިވަރުންގެ އިތުރުން ތޫފާނުގައި އަސަރުކޮށްފައިވާ ފިލިޕީންސް ގެ އެހެން ސަރަހައްދު ތަކުގައިވާ ދިވެހި ދަރިވަރުންގެ ހާލަތު ވެސް ފަހުން ދެނެގަނެވި، ޖުމުލަ 33 ދަރިވަރަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ތޫފާން ރާއީގެ ސަބަބުން އަަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ދަރިވަރުން ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ނިންމާފއި ވާކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.