29 Dec 2021, 15:18
ތެހެރާން (ޑިސެމްބަރު 29) : އަންނަ ޖަނަވަރީމަހުގެ ކުރީކޮޅު އީރާނުގެ ރައީސް އިބްރާހީމް ރައީސީ ރަޝިއާއަށް ޒިޔާރަތް ކުރައްވާނެކަން އީރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާގެ ތަރުޖަމާން އަލީ ބަހާދިރީ ވިދާޅުވީ ރަޝިއާގެ ރައީސް ވްލްޑިމީރު ޕޫޓިންގެ ދައުވަތަކަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަރަށް އަވަހަށް ރަޝިއާއަށް ޒިޔާރަތް ކުރައްވާނެކަމަށާ މިހާރު އެކަމުގެ ތައްޔާރީތައް ކުރިޔަށްދާ ކަމުގައެވެ.
ޕޫޓިން ދާދިފަހުންވަނީ ރަޝިއާއަށް ވަޑައިގަތުމުގެ ދައުވަތު އީރާނުގެ ރައީސަށް އަރުވާފައިވާނެކަމާއި އެދައުވަތު ގަބޫލުކުރައްވައިގެން ރައީސީ ރަޝިއާއަށް ކުރައްވާނެ ޒިޔާރަތެއްގެ އުންމީދުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ރަޝިއާއާއި އީރާނަކީ އެމެރިކާގެ ފިއްތުންތަކާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވެފައިވާ ދެގައުމުގެ އިތުރުން އެދެގައުމަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާ ދެކޮޅަށް އެންމެ ބޮޑަށް އެހީތެރިވާ ދެ ގައުމެވެ.
ސޫރިޔާ ގެ މިނިވަންކަމަށް ގޮންޖެހުމަށްފަހު ސޫރިޔާގެ އުތުރުގައި ގާނޫނާ ޚިލާފަށް އެމެރިކާވަނީ އަސްކަރީ ގޮތުން ފައިހަރުކޮށްލާފައެވެ. ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާކަމުގެ ތުހުމަތު ތުރުކީން އެމެރިކާގެ މައްޗަށް ކުރެއެވެ. ރަޝިއާއާއި އީރާންއަކީ ސޫރިޔާގެ ވެރިކަން ވައްޓާލުމަށް އެމެރިކާ ހިންގާ ހަރަކާތްތައް ނާކާމިޔާބުކޮށް ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދިފާއުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ދެގައުމެވެ.
މީގެއިތުރުން އީރާނާއި ރަޝިއާއަކީ އެމެރިކާއާ ވާދަވެރި ޗައިނާއާ ސްޓްރެޓީޖިކް ގުޅުންތައްވެސް ގާއިމްކޮށްފައިވާ ދެގައުމެވެ. އިސްރާއީލުން ތަކުރާރުކޮށް ސޫރިޔާއަށް ދެމުންގެންދާ އުދުޥާނީ ހަމަލާތަކުގެ ފަހަތުގައި އެމެރިކާވާކަށް އީރާނުން ތުހުމަތު ކުރެއެވެ. އަދި ގަލްފުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން އެސަރަހައްދުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އީރާނުންވަނީ އެމެރިކާގެ މައްޗަށް ކޮށްފައެވެ.
މީގެއިތުރުން އިސްރާއީލުން ފަލަސްތީނު އިސްތިއުމާރުކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ސްޓޭޓް ޓެރިޒަމްގެ އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކަށް އެހީތެރިވާ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ.
އަނެއްކޮޅުން ޔުކްރޭނަށް ހަތިޔާރު ފޮނުވައިގެން ކަޅުކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ރަޝިއާއިން އެމެރިކާގެ މައްޗަށް ކުރެއެވެ. އެހެންކަމުން އީރާނާއި ރަޝިއާއަކީ އެމެރިކާއާ ދެކޮޅަށް ދިފާއީ ކަންކަމުގައި ސްޓްރެޓީޖިކް ލެވެލްއެއްގައި ކޯޑިނޭޓް ކުރަމުން ގެންދާ ދެގައުމެވެ.
އީރާނުގެ ރައީސް, އިބްރާހީމް ރައީސީ ގެ މިދަތުރުފުޅަކީ އީރާނުގެ ރައީސަކު 2017 ވަނަ އަހަރަށްފަހު ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.