29 Dec 2021, 14:35
ލަންޑަން (ޑިސެމްބަރު 29) : ކޮވިޑް-19ގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވަމުންދާކަން ދުނިޔޭގެ އެތައް ގައުމަކުން ހާމަކޮށްފިއެވެ.
ކޮވިޑްގެ-19 ކޭސްތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ގައުމެއްކަމަށްވާ އޮސްޓްރޭލިއާއިން ބުނީ ފާއިތުވި ދުވަސްތަކުގައި އެގައުމުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު 11 ހާހާއި 13 ހާ ދެމެދުގައި އުޅޭކަމަށާ ކުރިން ކޭސްތަކުގެ އަދަދުވަނީ ދުވާލެއްގެ މައްޗަށް ހަތަރު ހާހަށްވުރެ ދަށުގައި ކަމުގައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އޮސްޓުރޭލިޔާގެ ސުޓޭޓްތައް މިހާރުގެންދަނީ އެތަންތަނުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރަމުންނެވެ.
އިނގިރޭސިވިލާތަކީވެސް މިހާރު އެންމެ ބާރަށް ކޮވިޑް ފެތުރޭ އެއް ގައުމެކެވެ. އެގައުމުން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 130 ހާސްމީހުން ވަނީ އެގައުމުގައި ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިނގިރޭސިވިލާތަކީ ވެސް ކުރިން ޕޮޒިޓިވް އަދަދުތައް ރެކޯޑް މިންވަރަކަށް ދަށަށްގޮސްފައިވާ ގައުމެކެވެ.
އެމެރިކާއަށް ބަލާއިރު އެގައުމުގެ ސްޓޭޓްތަކުގައިވެސް ކޮވިޑްގެ ކޭސްތައް ދަނީ ދުވާލެއްގެ މައްޗަށް އެތަށް ލައްކައަކުން ފެންނަމުންނެވެ. ތުރުކީ ބުނާގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަހަށް ބަލާއިރު އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ދުވާލެއްގެ މައްޗަށް 30 އިންސައްތަ އަށް އިތުރުވަމުން ގޮސްފައެވެ.
ފަރަންސޭސިވިލާތް ބުނާގޮތުން މިހާރު ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި އެގައުމުގައި އެއްލައްކައަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ. މީގެއިތުރުން ޕޯޗްގަލް، ސްޕެއިން، ޖަރުމަނު، ރަޝިއާ، ބެލްޖިޔަމް، ނެދަލޭންޑްސް އިންވެސްވަނީ ކޮވިޑްގެ-19 ކޭސްތައް އާދަޔާ ޚިލާފަށް ގިނަވަމުންދާކަން ހާމަކޮށްފައެވެ. މީގެތެރެއިން އޮސްޓްރޭލިއާ، ތުރުކީ އަދި ނެދާލޭންޑްސް އިންވަނީ ކޮވިޑްގައި މަރުވާމީހުންގެ އަދަދުވެސް މަތިވަމުންދާކަމަށް ބުނެފައެވެ. އިންޑިއާގައިވެސް މިހާރުވަނީ ކޮވިޑް ވަރަށް ބާރަށް ފެތުރެެން ފަށާފައެވެ.
ކޮވިޑްގެ-19 ކޭސްތައް އާދަޔާ ޚިލާފަށް ގިނަވާން ފަށާފައި މިވަނީ އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ ގައުމުތަކަށް ފެތުރުމަށްފަހުއެވެ. ކޮވިޑްގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިއާ އަދި އެމެރިކާއަކީ ވެކްސިންގެ ކަވަރެޖް 70 އަށްވުރެ މަތީގައިއުޅޭ ގައުމުތަކެވެ. އޮމިކްރޯން ފެނުމުގެ ކުރިން މިގައުމުތަކުގައި ކޮވިޑްވަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.
ނަސާރާއިންގެ ކްރިސްމަސް އީދާ އަދި މީލާދީ އައުއަހަރު ފެށުމުގެ އިހްތިފާލްތައް ދުނިޔޭގެ ގައުމުތަކުގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު މިއީ ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވުމުގެ ފުރުސަތު އޮތްކަމެއްކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ. ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓަށް ވެކްސިންގެ އަސަރުކުރާ މިންވަރު ކުޑަ ކަމަށް ސިއްހަތާބެހޭ ދިރާސާތަކާ ހަވާލާދީ ޑަބްލިޔުއެޗްއޯ ބުނެއެވެ.