08 Mar 2012, 11:59
ޖުމްލަ އަށް ޓީމް ވާދަކުރާ މިއަހަރުގެ އޭއެފްސީ ޗެލެންޖު ކަޕް މިއަދު ފަށާއިރު ރާއްޖެވެސް ކުޅޭނީ އެހެން ޓީމުތަކެކޭ އެއްގޮތަށް، މޮޅުވާން ކަމަށް ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެ، 2010 ވަނަ އަހަރުގެ ރަނާރަޕް ޓީމު ތުރްކުމެނިސްތާނާއި އެކު މިއަދު ރާއްޖެ ގަޑިން 2:15 ގައި ނުކުންނަ އިރު، ގައުމީ ކޯޗް ހަންގޭރީގެ އުރުބާނީ ބުނީ، މެޗުންވާނެ ގޮތެއް ބުނަން ވަރަށް ދަތި ކަމަށާއި ގުރޫޕުގެ އެއްވަނަ މަގާމު ނުހޯދުނަސް އަދި މުބާރާތުގެ އެއް ވަނަ މަގާމު ނުލިބުނަސް ރަނގަޅު ކުޅުމެއް ރާއްޖެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށެވެ.
"އަހަރެމެން ވެސް އައިސް މިތިބީ އެހެން ޓީމުތަކެއް ހެން މޮޅުވާން. އެކަމަކު މިއަދު ކަންވާނެ ގޮތެއް ބުނަން ވަރަށް ދަތި، އަދި އަހަރެމެން ގަބޫލުކުރަން އަހަރެމެންނަކީ ފޭވަރިޓުންނޫންކަން ގުރޫޕުގެ އެއްވަނަ މަގާމު ހޯދަން ނުވަތަ މުބާރާތް ކާމިޔާބު ކުރަން. އެކަމަކު އަހަރެމެންވެސް ރަނގަޅު ފައިޓެއް ދޭނަން،" 44 އަހަރުގެ އުރުބާނީ ބުންޏެވެ.
ރާއްޖެ ތުރުކުމުނިސްތާނާ ދެކޮޅަށް ނުކުންނަ އިރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަލީ އަފްޝާގު (ދަނގަޑޭ) ހުރީ ދެ ރީންދޫ ކާޑާއެކު ސަސްޕެންޝަންގަ އެވެ.
މުބާރާތް ބާއްވާ ނޭޕާލުގެ މާހައުލުން ވެސް ރާއްޖޭގެ ޓީމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް ކޯޗް ފާހަގަކުރެ އެވެ.
އުރުބާނީ ބުނީ މާހައުލު ތަފާތު ވިޔަސް މާހައުލަށް ހޭނި ކުޅުމާއި އެކު ކުރިއަށްދާން ޖެހޭނެ ކަމަށާއި ނޭޕާލްގެ މާހައުލަށް ވުރެ ކުޅުންތެރިން ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
"އަހަރެމެންޖެހޭނީ މިތާގެ މާހައުލަށްވުރެ ރަނގަޅުވާން. އަހަރެމެންގެ އަމާޒަކީ ޓީމާއި ކުޅުންތެރިން. އަހަރެމެން ކުޅެން ތައްޔާރު،" އުރުބާނީ ބުންޏެވެ.