އެމްޑީޕީން މިދިޔަ މަހުގެ އަށްވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކުގައި ހަލާކުވި ވެހިކަލްތަކުގެ ބަދަލުގައި އާ ވެހިކަލްތަކެއް ފުލުހުންނަށް ދޭން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ފެބުރުއަރީ އަށެއްގެ ހަމަނުޖެހުމުގައި ގެއްލުންވި ވެހިކަލްތަކުގެ ބަދަލުގައި އިންޑިއާއިން ދެނީ 52 ވެހިކަލެއް ކަމަށެވެ. އެއީ ހުޅުޖަހާ އަންދާލި 36 ވެހިކަލަކާއި އަދި އެހެން ގޮތްގޮތުންވެސް ގެއްލުންދިން 16 ވެހިކަލެއްގެ ބަދަލުގައި އިންޑިއާއިން ދޭ ވެހިކަލްތަކެއް ކަމައްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފެބުރުއަރީ އަށެއްގެ ހަމަނުޖެހުމުގައި އެންމެ ބޮޑު ގެއްލުމެއް ދިނީ އައްޑޫ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކަށެވެ. އަދި ގދ އަތޮޅުގެ ތަންތަނުގައިވެސް ހުޅުޖަހާ ގެއްލުންތައް ދިނެވެ.

އިންޑިއާ ސަރުކާރުން ފުލުހުންނަށް އެހީވާއިރު ޗައިނާއިންވެސް ވަނީ އެ ހަމަނުޖެހުމުގައި ގެއްލުންވި އިމާރާތްތައް އާރާސްތުކުރުމަށް 19 މިލިއަނެއްހާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމާފަ އެވެ.

ހޯމްމިނިސްޓްރީން ލަފާކުރަނީ އަށެއް ފެބުރުއަރީގައި އެ މިނިސްޓްރީގެ ދަށުގައި ހުރި ތަންތަނަށް ލިބުނު ގެއްލުމުގެ އަގު 183 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ފުލުހުންގެ މަރުކަޒުތަކަށް 112 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު ކޯޓުތަކަށް 50 މިލިއަން ރުފިޔާ ގެ ގެއްލުން ލިބުނެވެ. އަދި ރަށު ކައުންސިލްތަކުން ބަލަހައްޓާ ތަންތަނަށް 17 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ވަނީ ލަފާކޮށްފަ އެވެ.