03 Jan 2022, 08:56
"ކުރު އެކަމަކު ބާރުގަދަ ދުޢާ އެއް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ދަސްކޮށްދެއްވިއެވެ."اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ"
***
ނޯރާ ރަގަޅުވާނެ. އައިމް ޖަސްޓް އެ ކޯލް އަވޭ.........." ނާޔަލް ޔަގީންކަން ދިނެވެ. ބޭބެގެ ކާރު ދުއްވާފައިގޮސް ލޯމަތިން ގެއްލުމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުނީ އައިޒަކް ކާރުގައި އިށީދެ އިންގޮތަކުންނެވެ. އެހާ ހިމޭނުން އެއިނީ އަނެއްކާ ހޭނެތިފައި ބާވައެވެ. އޭނަ ނޭވާ ލާހެއްޔެވެ؟
ނޯރާ ކާރުގެ ބިއްލޫރިގަނޑުގައި ޓަކިދޭން އުޅެނިކޮށް އައިޒަކް ކުއްލިއަކަށް ލޯ ހުޅުވާލިގޮތަށް ފުޅާ އަޅިކުލައިގެ ދެލޮލުގެ ނަޒަރު ބޭރަށް ހުއްޓުމާއެކު އެއްގޮތަކަށްވެސް އެފަދަ ކަމަކަށް އުއްމީދުނުކޮށްހުރި ނޯރާއަށް ސިހުމެއް ލިބުނެވެ. އައިޒަކް ހޭންފެށިއެވެ. އޭނަ މަރުވީކަމަށް ހެދިއްޖެއްޔާ ނޯރާއަށް ވަރިހަމަކޮށްލާފައި ނުދެވޭނެކަން އޭނައަށް އެނގުނެވެ.
"މީހަކު ހަމަޖެހިލައިގެން މަރުވިޔަކަވެސް މި ޑޮކްޓަރުން ނުދޭނެ..." އޭނަ ކާރުން ފޭބިއެވެ. މަންޒިލެއް ނެތި އޭނަ ދަތުރުކުރަމުންދާތާ ގިނައިރުތަކެއް ވެއްޖެއެވެ. އޭނަ އެހާ އަވަހަށް ގެއަށް އަންނަން ބޭނުންނުވީ ސާރާއާއި ސާރާގެ ދެބެންގެ ދެދަރި މާ މާތްވެގެން އުޅޭ ޔޫނުސްއާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ސާރާއަށް އުފަންދުވަހުގެ ހަދިޔާއެއް އޭނަ ދޭންޖެހޭ އެއްވެސް ސަބަބެއްނެތެވެ. އޭނަގެ ކުޑަވެސް ޝައުގެއް އެކުއްޖާއަށް ހުރީ ކޮންއިރަކުހެއްޔެވެ؟
"ބޭބެއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައި ދޯ.."އައިޒަކް ނޯރާއާއި އެއް ހަމައެއްގައި ހުރެ ގޭޓާއި ދިމާލަށް ހިނގައިގަތެވެ.
"އާނ. އައިޒަކް ބޭރުގައި ކީއްކުރަނީ؟" ޖަވާބަކަށް ނޯރާގެ ޝައުގެއް ނެތެވެ. ނަމަވެސް އޭނަގެ ތަބީއަތު މިރޭ ރަގަޅެވެ. ވީމާ އައިޒަކްއާއިއެކު ކުޑަކޮށް އަނގަ ތަޅާލިޔަސް ބޮޑުކަމެއް ނޫންތާއެވެ.
"ހަމަ ތެދެއް މިބުނީ. ސާރާއާއި އޭނަގެ މާ އަދަބުވެރި ބޭބެ މަގޭ މުޅި ދުވަސް ޚަރާބުކޮށްލައިފި. އަހަންނަށް އެނގުނީ މުޅި އެ އާއިލާވެސް ފޫހިބަޔެއްކަން."އައިޒަކްގެ އަޑުގައި ނަފްރަތު ނޫން އެއްޗެއް ނެތެވެ. ނޯރާގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ތިބުނީ ކީކޭ؟ އޭނަގެ ކަޒިންއޭ؟ މިގެއަށް އައީތަ؟"
"އާނ. ބޮޑު ކޭކަކާއި އެކު އަދި ސާރާ މާ އަޅުވެރި ސޯލިހެއްކަމުގައި ހެދިގެން ހުންނައިރު އެކުޑަ ކުއްޖާ ގޯސް އެއްވެސް ކަމެއް ނުކުރާނެ."އައިޒަކް ގެ ވާހަކަ ހުރީ މަލާމާތުގެ ރާގަކަށެވެ.
"ސާރާ ކޮބާ؟"
"އޭނަ ގޭގައި ނިދާފައި އޮތިއްޔާ ރަގަޅު. އުފަންދުވަހަށްޓަކާ އެއްވެސް ކަހަލަ ސެލެބްރޭޓަރީ ކްރެޕެއް ބޭނުމެއްނޫން..."
ނޯރާ ބީރައްޓެހިފާޑަކަށް އައިޒަކްގެ މޫނަށް ނަޒަރު ހުއްޓައިލުމަށްފަހު ގެއާއި ދިމާލަށް ދުއްވައިގަތުމުން އައިޒަކްވެސް ފަހަތުން ދިޔައެވެ.
"ސާރާ....." ނޯރާ އެކޮޓަރީގެ ދޮރުގައި ޓަކިދެމުންގޮސް ޚަބަރެއްނުވުމުން ދޮރު ހުޅުވައިލީ ހިތް އަވަސްވެފައި ހުރެއެވެ. ކޮޓަރިތެރެއިން މަރުހަބާ ކީ ހުސްކަމެވެ. އޭނަ ނަމާދުގެވެސް ޗެކްކުރިއެވެ. އެތަނުގައިވެސް ސާރާ ނެތުމުން ހާސްކަން އިތުރުވިއެވެ.
"ޗިލް ނޯރާ. ސާރާ ގެއްލުނީއެއްނޫން. ކަޒިންއާއެކު ކާރު ދުއްވައިލަން އަހަރެން ފޮނުވީއޭ....."
"އައިޒަކް ފޮނުވީ؟ ޔޫނުސްއާއެކު؟" ނޯރާ އެސްފިޔަތައް ޖަހައިލީ ކަންބޮޑުވުމާ ހާސްކަމާއެކުގައެވެ.
"އެއީ ސާރާ އެމީހެއްގެ ފަރާތުން ފިލަން އެތައް މަސައްކަތެއް ކުރާ ފިރިހެނެއް...."
"ތީގެ މާނައަކީ ކޮބައިތަ؟ އޭނައަކީ........" އައިޒަކް ބުމަ ކައިރިކޮށްލިއެވެ.
ނޯރާއަށް އެނގިފައި ހުރި މައުލޫމާތުތައް އައިޒަކްއާއި ހިއްސާކޮށް ނިމުނުއިރު އައިޒަކް ޔޫނުސްއާއި މުޚާތަބުކޮށް ދުލުން ކިޔައިލި ރުޅިވެރި ބަސްތަކުން ނޯރާވެސް ބިރުގަންނަގޮތްވިއެވެ. އައިޒަކް ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ނުކުމެގެން ދިޔައިރު ނޯރާ ބުނި ވާހަކަތަކާއިމެދު ވިސްނައިލިއެވެ. ޔޫނުސް ސާރާއާއި ރުހެވި ކައިވެނި ކުރަން ބޭނުންވީއެވެ. އެކަމަކު އެ އާއިލާއިން ދުވަހަކުވެސް އެކަމާއި ގަބޫލުނުވާނެކަން ޔޫނުސްއަށް އެނގުނީއެވެ. އެމީހުން އޭނައާއިމެދު ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ދަނބިދަރިއެއްގެ ނަޒަރުން ދެކެފައެއްނުވެއެވެ. އެކަމާއިހުރެ އޭނަ ސާރާއަށް ނަފްސާނީގޮތުން އުދަގޫކުރަން ފެށިއެވެ. އެއްރޭ އޭނަގެ މީހަކަށް ހަދަން މަސައްކަތްކުރުމުން ސާރާ ސަލާމަތްވެގެން ދިޔައީ ބިރުގެންފައި އަދި މުޅި އުމުރަށްވެސް އެ ބިރުވެރިކަން އޭނަގެ ހިތަކުން ފިލައިގެން ނުދާވަރުވެފައެވެ. ސާރާގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގަން ޔޫނުސް މަސައްކަތްކުރީއެވެ. ޔޫނުސްގެ ނަސީބު ރަގަޅީއެވެ. އޭނަގެ މައިންބަފައިން ފިރިހެންދަރިއެއް ފަދައިން ދެކޭ ޔޫނުސްގެ ނުބައިކަމުގެ ވާހަކައެއް އެމީހުންގެ ކަންފަތަށް ފޯރުވަން އޭނަވެސް ބިރުގަތެވެ. ސާރާ ހުރީ އެގެއިން ދާނެ ފުރުސަތަކަށް ބަލަބަލައެވެ. އެފަދަ ގޮތެއް މެދުވެރިވުމާއެކު ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އައިޒަކްއާއި ކައިވެނި ކުރަން އެއްބަސްވިއެވެ.
ނޯރާގެ ވާހަކަތަކަކީ ހަގީގަތަކަށް ވެއްޖެއްޔާ ޔޫނުސްގެ ބަސްތައް ކިހާ މަކަރުވެރިވެފައި ކެހިވެރިހެއްޔެވެ؟ އެ ކޭކު ފޮށްޓާއި މޫނުގައި ވި ހިނިތުންވުން އަދި އެ އާދަތައް ހުރީ އެންމެ ފުރިހަމަ ބޭބެއެއް ފަދައިންނެވެ. އެ އަގެއްނެތް ފިރިހެނާ އޭނަގެ ކުރިމަތީގައި އެގޮތަށް އަމަލުކުރީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟
އައިޒަކް ސާރާގެ ގެއަށް ގޮސް ދޮރުގެ ރަގަނބީލުޖެހިއިރު އުއްމީދުކުރީ ސާރާ އެގޭގައި ވާނެކަމުގައެވެ. ސާރާ ނެތިއްޔާ އޭނަގެ ހިތުގައި އުފަންވެގަތް ކުށްވެރި އިހުސާސް ނައްތައިލާނެ ގޮތެއްވެސްނޭގެއެވެ. އެ ޔޫނުސްއާއެކު ސާރާ ކާރު ދުއްވައިލަން ދާން ބާރު އެޅިމީހަކީ އޭނައެވެ.
އެގޭގެ ޚާދިމާ ދޮރު ހުޅުވައިލުމުން ފެނުނީ އެންމެ ފުރިހަމަ އާއިލާއެކެވެ. އަގުބޮޑު ކައުޗްތަކުގައި އިށީދެލައިގެން ތިބީ ސާރާގެ މައިންބަފައިންނާއި އާއިލާގެ ބައެއް މީހުންނާއި ދަރިންނެވެ. ސާރާވެސް ފުޅާ ހިނިތުންވުމެއްގައި އިންއިރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް މޫނުމަތިން ނުފެނެއެވެ. ޖެހިގެން އިން ޔޫނުސްވެސް ހެވިލާފައެވެ. އެންމެންގެ ހައިރާންކަމާއިސަމާލުކަން ހުއްޓުމުން އައިޒަކްގެ މޫނު ރަތްވެ އަލިފާންގަނޑެއްހެން ވިއެވެ. އޭނަ މި ފުންމައިލީ ކޮންފަދަ ހާލަތެއްގެ ތެރެއަށް ހެއްޔެވެ؟ ނޯރާ އެބުނީ ހަމަ ތެދު ވާހަކައެއްހެއްޔެވެ؟ ސާރާ އެބުނާފަދަ އެއްވެސް ގޯނާއެއް ކުރިމަތިވެ އެންމެންގެ ފަރާތުން ސަލާމަތްވެގެން ދާން އުޅޭ ކުއްޖެއްހެނެއް ހިޔެއްނުވެއެވެ. އެބުނާ ކުށްވެރިޔާ އެއިނީ ސާރާއާއި ޖެހިގެންނެވެ. އެކަމަކު ސާރާގެ މޫނުމަތިން ފެންނަނީ އަބަދު އެފެންނަ އުފާވެރިކަމެވެ.
"ޢައިޒަކް. ޕްލެޒެންޓް ސަޕްރައިޒެއް.." ސާރާގެ މަންމަ އައިޒަކްގެ އަތުގައި ހިފައިގެން ގެންގޮސް ސާރާގެ ގާތު ބޭންދިއެވެ. ސާރާ ބަލަން ފެށީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އައިޒަކް ފެނުމުގެ އުއްމީދު ނުކުރާތީއެވެ.
"އައިޒަކް މިގަޑީގައި......އަހަރެމެން ހީކުރީ..." ސާރާގެ މަންމައާއި ޔޫނުސް އެކަކު އަނެކަކަށް މާނަވީގޮތަކަށް ނަޒަރު ބަދަލުކުރިއެވެ.
"ސަޕްރައިޒް ރެޑީތަ؟" ޔޫނުސް ޖޯޝާއެކު އަހައިލިއެވެ. އެކަމަކު ތަންކޮޅެއް މަޑުންނެވެ. އައިޒަކް އިނީ އެ ސުވާލަށް ދޭނެ ޖަވާބެއް އަދި ހަދަންވީގޮތެއްވެސް ނޭގި ހުއްޓުން އަރާފައެވެ.
"ސާރާ. އައިޒަކް އެއައީ ސާރާ ހޯދަން. އެންމެން އެއްތަންވީމަ ގަޑި ދާގޮތެއްވެސް ނޭގިފައި މިތިބެވުނީ. ވަރަށް ދަންވެއްޖެ....." ސާރާގެ ބައްޕަ ޔޫސުފް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އައިޒަކްއަށް އެގެއިން ނިކުންނާނެ ފުރުސަތެއް ލިބުމުން އުފާވިއެވެ. ޔަގީނެވެ. ނޯރާއަށް ސާރާގެ ވާހަކަ އޮޅުނީއެވެ. އޭނައާއި ޔޫނުސްގެ ދޭތެރޭ އެއްވެސް ކަހަލަ ހަމަނުޖެހުމެއްނެތެވެ. ސާރާގެ މޫނުމަތިން ފެނުނު އުފާވެރިކަން ނޯރާގެ ވާހަކަ ދޮގެއްކަން ސާބިތުކޮށްދީފިއެވެ.
އައިޒަކް ކާރުގައި ސާރާގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިންއިރު ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ސާރާ ހަމައެކަނި އޭނަގެ ދުވަސް ޚަރާބުކޮށްލީއެއް ނޫނެވެ. އެކުއްޖާގެ ސަބަބުން ލަދުވެތި ކަމުގެ ތެރެއަށް އޭނަގެ ނަފުސް ގަންބާލައިފިއެވެ. ފުރަތަމަފަހަރު އޭނައާއެކު ހިނގާލަން ދާން އިންކާރުކޮށްގެންނެވެ. އަދި މިފަހަރު އެގެއަށް ދާން ޖެއްސީއެވެ. އައިޒަކްއަށް ބާރުކޮށްލެވުނީ ހުންގާނަށެވެ. ސާރާ ޕެސެންޖަރު ސީޓުގައި އިށީނުމާއެކު އޭނަ ކާރު ދުއްވައިލިއެވެ. ރީދޫ އައްޔާއި ވެހިފައިވާ ސްނޯތަކުން ފުރިފައިވާ މަގުތަކުގައި ކާރު ސްޕީޑް އިތުރުވަމުން ދިޔައެވެ. ސްޕީޑް ލިމިޓުން ބޭރުވީއިރުވެސް އައިޒަކްގެ ރުޅީގެ ސަބަބުން އޭނައަށް ރޭކާ ލީކަމަކަށްނުވިއެވެ.
ސާރާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނީ މަގުގެ މެދުގައި އޮތް މުގޮށްޓެއް ފެނިގެންނެވެ. ކާރުން ހަމަ ނުޖެހި ކިރިޔާ އޮތްކަމެވެ. ކާރުވެސް ކުއްލިއަކަށް ބުރަކި ޖައްސާ މަޑުކޮށްލުމުން އޭނަ ވިއްސައިގެންގޮސް ބިއްލޫރިގަނޑުގައި ބޯ ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ސާރާ އަވަހަށް ސީޓު ބެލްޓް ނައްޓާލާފައި ދުއްވައިގަތީ މަގު ހޯދަމުންނެވެ. އޭނަ ހީކުރީ ކާރުން އެސޮރުގެ ގައިގާ ޖެއްސިކަމަށެވެ. އައިޒަކްއަށް އެ ސޮރު ދުވަމުންގޮސް ގަސްތަކުގެ ތެރެއަށް ވަދެ ނިވާވި މަންޒަރު ދެކުނެވެ. އެސޮރު ސަލާމަތްކަން ހޯދައިފިއެވެ. އެކަމަކު ސާރާ ދެމެމުންގޮސް ކާރުގެ ދަށަށްވަދެވެސް ޗެކްކުރިއެވެ. މަރުވެފައިވާ މުގޮށި ހޯދާ ތަހުގީގު ނިމެންދެން އައިޒަކް އިންތިޒާރުގައި ހުއްޓެވެ. މުގޮށި މީދާތަކުގެ ވެރިއަކަށް ކޮންމެހެންވެސް ސާރާ ލާން އެބަޖެހޭތާއެވެ. އެސޮރުމެން ރައްކާތެރިކަން ދީ ހިމާޔަތްދޭނެ ބައިވެރިއެއްގެ ގޮތުގައެވެ.
ސާރާ އަނެއްކާ ކާރަށް އަރާ ދޮރު ލެއްޕިތަން ދެކެން އައިޒަކް އިނެވެ. އެހާވަރަށް މަސައްކަތްކޮށް މަގުމަތީގައި ދެމި އުޅުމުން ބޮލުގައި އަޅައިގެން ހުރި ފޮތިކޮޅު ކައްސާލިގޮތަށް ކަނދުރާ ހާމަވިއެވެ. ކަނދުރާގައި ހުރި ވަކި އެޅިފަދަ ނިޝާންތައް އައިޒަކްގެ ތޫނު ލޮލަށް ވަގުތުން ފެނުނެވެ. އައިޒަކް އެ ފޮތިގަނޑު ދުރުކުރާން އުޅުނީ އެކަން ޔަގީންކުރުމަށެވެ. ސާރާ ހަޅޭއްލަވައިގަތް އަޑު މުޅި ފަޒާ ގުގުމާލައިފިއެވެ.
"ހޭ ހޭއި ކާމް ޑައުން..."އައިޒަކް ދެއަތްވެސް އުފުލައިލީ ދިފާއުވާފަދަ ގޮތަކަށެވެ. އެވަރުންވެސް ސާރާ އައިޒަކްގެ މޫނުމަތީގައި އަޅާ ވިހެލިއެވެ.
"ކަނދުރާގައި އެހެރީ ކިހިނެއްވެފަތަ؟" އައިޒަކް ބާރަށް ބުނެލީ އަމިއްލަ ކަނދުރާއަށް އިޝާރަތްކޮށްލަމުންނެވެ. ސާރާ އޭނަގެ މޫނަށް ބަލައިލީ ބިރުވެރިކަމާއެކުގައެވެ. އޭނަ ޖެހިތަނުގައި އައިޒަކް ފިރުމާތަން ފެނި ސާރާ ހަމަޔަކަށް އެޅުނެވެ. އޭނަގެ ހަށިގަނޑަށް އެރި ބާރު ކުޑަވެ މީހާ ހަމަޔަކަށް އެޅުނެވެ. އައިޒަކް އޭނަގެ ގައިގާ ޖަހާކަށް ނޫޅުނެވެ. ސާރާ ކާރުގެ ބިއްލޫރިގަނޑުން އޭނަގެ ކަނދުރާއަށް ބަލައިލަމުން އެއްފަރާތުގައި ލޭ ހިލިފައިވާ ޒަޚަމް ފެންނާން ހުއްޓެވެ. ތުރުތުރުލާ އަތުން އޭނަ ބުރުގާ ރީތިކުރިއިރުވެސް އައިޒަކް އިނީ އެ މަންޒަރުތައް ބަލަހައްޓައިގެންނެވެ. އޭނަގެ ނަޒަރު ސާރާގެ އަތުކުރިއަށްވެސް ހުއްޓުނެވެ. އަތުކުރިވެސް ރަތް އަރާފައެވެ. އޭނަގެ އަޅި ލޮލާއި ސާރާގެ މުށި ލޯ ގުޅުނުއިރު އެކުއްޖާ ބިރުގެންފައި އިންވަރު ދެނެގަނެވުނެވެ. ސާރާ ބިރުން ރޫރޫ އަޅަނީއެވެ. އާދައިގެ މަތިން އެހުންނަ ހިނިތުންވުމެއް ތުންފަތްމަތިން ނުފެނެއެވެ. ކޯތާފަތްމަތިން ހުއްޓުމެއްނެތި ކަރުނަތައް ދެމެމުން ދިޔައެވެ.
"އެ ނުލަފާ ކަލޭގެ ކުރިކަމެއް ދޯ. ކީއްވެ ބައްޕަމެން ގާތު ނުބުނީ؟" އައިޒަކް ބުމަ ކައިރިކޮށްލިއެވެ. އިރުގަނޑެއްވާންދެން ސާރާއަށް އޭނަގެ އަޑު ނީވޭނެކަން ހަނދާން ނައްތައިލެވުނެވެ. އެކުއްޖާ ރޮއިރޮއި ހަލާކުވަނީއެވެ. އައިޒަކް އުދަގޫވެފައި އިނދެ ފޯނުގައި އެ ސުވާލުތައް ޓައިޕްކޮށްލައިފިއެވެ. ސާރާ ކަރުނައިގެ ތެރެއިން އެސްފިޔަތައް ޖަހައިލީ ކުޑަކޮށް ކަންބޮޑުވެފައެވެ. އައިޒަކްގެ ސުވާލުތައް ކިޔާފައި އޭނަ ބަލައިލީ ލޯ ބޮޑުކޮށްލަމުންނެވެ.
"އޭނަތަ؟" އައިޒަކް ބާރަށް އަހައިލީ ދެބުމަވެސް އުފުލައިލަމުންނެވެ. އެންމެފަހުން ސާރާ ރުއިން ހުއްޓާލާފައި ކުޑަކޮށް ބޯ ޖަހައިލިއެވެ. ކިރިޔާ ދަތްދޮޅި ހިއްލައިލިކަމެވެ. އެވަރުން އައިޒަކްއަށް ޔަގީންވިއެވެ. އޭނަ ކާރު އަނބުރައިލީ މަގަށް ހުރިހާ ސަމާލުކަމެއް ހުއްޓައިލަމުންނެވެ. އެ އަޅި ލޮލުގައި ރުޅިވެރިކަން އުފެދި ނުރައްކާތެރި ވިދުވަރެއްވިއެވެ.
އައިޒަކް ކުރަން އުޅޭކަމެއް ސާރާއަށް ރޭކާލީއިރު އޭނަ ކާރު ހުއްޓައިލީ ސާރާމެންގެ ދޮރުމަތީގައެވެ. ސާރާ އައިޒަކްގެ އަތުގައި ހިފާ ގަދަޔަށް ބޯ ހޫރަންފެށީ އާދޭހުގެ ނަޒަރަކުން އެއްވެސް ކަމެއް ނުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އައިޒަކް އެވަރުންވެސް ސާރާގެ އަތް ވީއްލުވާލާފައި ކާރުން ފޭބިއެވެ. ނަސީބަކުން އެމީހަކު ހޯދަން އޭނަ އައި މީހާ އެގޭގެ ދޮރާށިން ނުކުތީއެވެ. ޔޫނުސް އޭނަގެ ކާރާއި ދިމާލަށް ހިނގައިގަތްތަނާ އައިޒަކް ފެނުމުން އަތް ހޫރައިލިއިރު ހަމަ އެ މަކަރުވެރި ހިނިތުންވުން ތުންފަތުގައިވިއެވެ. ޔޫނުސް ފަހަރެއްގައިވެސް އޭނަގެ މޫނަށް ބާރު ހަމަލާއެއް އަރާފާނެކަމަކަށް އުއްމީދެއް ނުކުރެއެވެ. އެއެތިފަހަރުގެ ބާރުގަދަކަމުން އޭނަގެ ކޯ ކަށިގަނޑު ނުނެއްޓުނީ ހަމަ ކިރިޔާއެވެ.
ޔޫނުސްއަށް އޭނަގެ މޫނުގައި ހިފަހައްޓައިގަނެވުނީ ލިބުނު ވޭނާއި ޝޮކާއެކުގައެވެ.
"ޑޯންޓް ޔޫ ޑެއާ ޓަޗް ހާރ އެގެއިން...." ތަޅުންމައްޗަށް ފެތުރިފައި އޮތް ޔޫނުސްއާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން އައިޒަކް އިންޒާރުކުރިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ ޔޫނުސް ދެނެހުރިގޮތުން އައިޒަކް ލޯބިވަނީ ނޯރާ ކިޔާ އަންހެންކުއްޖެއްދެކެއެވެ. އޭނަ އުޅެނީ އެކުއްޖާއާއި ކައިވެނިވެސް ކުރުމަށެވެ. އޭނައާއި ސާރާއާއި ދޭތެރޭ އޮތް މައްސަލައަކަށް އައިޒަކް ވަދެފާނެކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. ޔޫނުސް ބިންމައްޗަށް ދޫކޮށްލާފައި އައިޒަކް ސާރާ ގޮވައިގެން ކާރުގައި ދިޔައީއެވެ. ސާރާމެންގެ ގޭ ދޮރުމަތީގައި ބޮޑު ހައިޖާނުގަނޑެއް ހިންގާކަށް އޭނަ ބޭނުންނުވީއެވެ. ވިންޓަރފެލްއާއި ހަމަޔަށް ދެވެންދެން އައިޒަކް އިނީ ހިމޭނުންނެވެ. އޭރު އޭނަގެ ރުޅިވެސް ފިލައިގެން ހިނގައްޖެއެވެ. އައިޒަކް އޭނަގެ ދިފާއުގައި ނުކުތުމުން އެކަމާއިމެދު ރިއެކްޓްކުރަންވީ ގޮތެއް ނޭގި ހައިރާންކަމާއި ޝޮކެއްގައި ސާރާ އިނެވެ.
***
އައިޒަކްމެންނަށް ގެއާއި ހަމަޔަށް ފޯރިއިރު ނޯރާއާއި އާވާ ނުތަނަވަސްކަމާއެކު އިންތިޒާރުގައި ތިއްބެވެ. ސާރާއަށް ވީގޮތެއް ނޭގިގެން ކަންބޮޑުވެފައެވެ. އެދެކުދިންނަށްވެސް ޔޫނުސްގެ ހަގީގަތް އެނގިފައިވުމާއެކުގައެވެ. އައިޒަކް އާއިއެކު ސާރާ އައިތަން ފެނުމުން އިންތިޒާރު ނިމުމަކަށް އައިސް ހަމަޖެހުމުގެ ނޭވާ ލެވުނެވެ. އައިޒަކް މަޑުކޮށްލުމެއްނެތި ސިޑިން އަރައިގެން ދިޔައީއެވެ. އައިޒަކްގެ އަމަލުގައި ބީރައްޓެހިގޮތެއް ހުރުމުން ނޯރާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އެ ހާދިސާ ހިނގިގޮތް ކިޔައިދިނުމުން ނޯރާގެ ހައިރާންކަން އިތުރުވިއެވެ.
ޔޫނުސް ސާރާއަށް ގޯނާ ކުރަން އުޅުމުން އޭނައަށް ހަމަލާދިންއިރު ޔޫނުސް ސާރާގެ ކަނދުރާގައި ނިޔަފަތިއެޅީއެވެ. އޭގެ ފަހުން ކުރެވުނު ކަންތައް ވިސްނި ބުނަމުން ދިޔައީ އޭނަ ސާރާދެކެ ލޯބިވާކަމުގައާއި އަނިޔާއެއް ދޭން ބޭނުންނުވާކަމުގައެވެ. ހަގީގަތުގައި ޔޫނުސްގެ ނަފްސާނީ ބައްޔެއް ހުރީއެވެ. ބައިޕޯލާ ޑިސްއޯޑާއެވެ. އޭނައަކީ ކުރިން ރަގަޅަށް އުޅެމުން އައި އަޚުލާގު ރަގަޅު ޒުވާނެކެވެ. ނަމަވެސް ސާރާއާއިހެދި ދީވާނާވި ހިސާބުން ބަދަލުވީއެވެ. ސާރާއަށް ތަކުރާރުކޮށް އުދަގޫތައް ކުރިމަތިވާން ފެށުމުން އެކުއްޖާވެސް އޭނަދެކެ ބިރުގަނެ ޖެހިލުންވާ ހިސާބަށް ދިޔައެވެ. ޔޫނުސް ރުޅި އައުމުން އެއްޗެހިތައް ތަޅާ މައިތިރިނުވާ ހިސާބަށް އޭނަގެ ހާލު ގޯސްވެ ވައިލެންޓްވެއެވެ.
ނޯރާއާއި އާވާ އާދޭސްކޮށްފައި ބުނީ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫނުސް ބަންދުކުރުވުމަށެވެ. އެގޮތަށް ގޯނާކުރުމަކީ ގާނޫނީ ކުށެކެވެ. އެކަމަކު ސާރާ އޭނަގެ މައިންބަފައިން ގާތު ބުނަން ބޭނުމެއްނުވިއެވެ. އެދެމަފިރިންގެ ހިތް ހަލާކުވެދާނެއެވެ.
ނޯރާމެން އެރޭ ނިދީ ސާރާގެ ކޮޓަރީގައެވެ. އެކަނި ހުރެވޭވަރަށްވުރެ އެކުއްޖާ ހުރީ ހާސްވެ ބިރުގެންފައެވެ.
އެރޭ ނޯރާއަށް އުއްމީދުގެ އަލިކަންފުޅެއް ފެނުނެވެ. އޭނައަށް އައިޒަކްއަށް އައި ބަދަލު އިހުސާސްވިއެވެ. އައިޒަކްގެ ހިތުގައި ސާރާއަށްޓަކާ އިހުސާސްތަކެއް އުފެދުނީހެއްޔެވެ؟ ނޯރާގެ އުއްމީދަކީ އެގޮތަށް ވުމެވެ. އެއިން ކޮންމެ މީހެއްގެ ވާހަކައަކަށް އުފާވެރި ނިމުމެއް އަންނާނެ ހަމައެކަނި ގޮތަކީ އެއީއެވެ. ފަހަރެއްގައި އޭނަގެ ވާހަކައަށް އެހެން ނުވެދާނެއެވެ. އެކަމަކު އެންމެ ކުޑަވެގެން އައިޒަކްއާއި ސާރާއަށް އުފާވެރި ދިރިއުޅުމެއް ލިބިދާނެ ނޫންހެއްޔެވެ؟ އެދެ ޒުވާނުން އެހާ ގުޅެއެވެ. ދެމީހުންނަށް އެކަން އެނގި އިހުސާސްވާނެ ނަމައެވެ.
"ގުޑް ނައިޓް ނޯރާ.." ނޯރާއަށް ކައިލްގެ އަޑު އިވުނީ ކަންފަތް ކައިރީ މަޑުމަޑުން ކިޔައިލިހެންނެވެ.
"ނޯރާ. ކީއްވެ ހީލައިގެން ތިއިނީ؟" ނޯރާއަށް އޭނަ ހަގީގަތުގައިވެސް ހިނިތުންވެލައިގެން އިންކަން އެނގުނީ އެކަން އާވާއަށް ފާހަގަވެ އެ ސުވާލުކުރުމުންނެވެ.
"އައިމް ނޮޓް.." ނޯރާ އަވަސް އަވަހަށް އެހެން ބުނެލާފައި އަނެއްކާ އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ.
"އޯ މައިގޯޑް. އައިޒަކް ހަގީގަތުގައިވެސް އަނގޮޓިއެއް ދިނީތަ؟" އާވާއަށް ހަޅޭއްލަވައިގަނެވުމާއެކު އެނދުން ފުންމައިގެން ތެދުވުނެވެ. އަދި ނޯރާއާއި ގާތަށް ގޮސް ނޯރާގެ ހިމަ އިނގިލީގައި އޮތް އެލެގެންޓް އަނގޮޓިއަށް ބަލަން ހުރެވުނެވެ.
"އޯ...މި. ވަރަށް ގާތް ލޯބިވާ އެކުވެރިއަކު ދިން އަނގޮޓިއެއް" ޒާފިރާގެ ހަނދާން އާވުމާއެކު ނޯރާގެ މޫނުން ހިތާމައިގެ ކުލަތައް ފައުޅުވެގެން ދިޔައެވެ.
"މި ހާދަ ގޯޖަސްއޭ. ވަރަށް އާސާރީ ފާޑެއް އެބަހުރި. ވަރަށް ހޮވުން ރަގަޅު ފްރެންޑެއް....." އާވާ ތައުރީފުކުރިއެވެ.
"ޔަގީން...." ނޯރާ ލުއި ހިނިތުންވުމަކާއެކު އަނގޮޓީގައި ފިރުމައިލިއެވެ. އެކިކުލައިގެ ފަށުވި ސްކާފް އަޅައިގެން ޒާފިރާ އޭނައަށް ޒިޔާރަތްކުރާ ހަނދާންތައް ސިކުނޑީގައި ހުރަސްކުރިއެވެ. އެއީ އެންމެ ރަގަޅު އެކުވެރިޔާއެވެ. މާމައެވެ. އަދި ނޯރާ ފަހަރެއްގައިވެސް ހަނދާން ނައްތައެއްނުލާނެއެވެ.
***
"ނޯރާއާއި ބޭބެ ދިޔައީތަ؟" ކައިލް ނިދާ ކޮޓަރިއާއި ދިމާލަށް ދަނިކޮށް އިސްހާގު ސުވާލުކުރިއެވެ. އިސްހާގު ކުޑަދޮރު ކައިރީގައި އަނދިރިކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
"އާނ.....ބަލީތަ؟ އިސްހާގު؟މިއަދު އެހެން ދުވަހާއި ތަފާތުހެން ހީވެއްޖެ...."
"ސިލީ ކުއްޖާ..އަހަރެން މަންމައެއްގެ ގޮތުގައި ދެކުނު މީހާ ގެއަށް ގޮއްސަ އަނބުރާ ނައި. އެއްވެސް ލޯބިވާ މީހެއްގެ މަރަކީ އެހާ ފަސޭހައިން ނަގައިގަނެވޭނެ އެއްޗެއް ނޫން. އެއީ ތަފާތު ތަދެއްކުރުވާ އެއްޗެއް. ސަބަބަކީ މަރަކީ މި ހަޔާތުގައި ދާއިމީ އެއްޗަކަށް ވާތީ. އެކަމަކު އެނގެއެއްނު. އަހަރެމެންގެ ކަރުނަތަކުން އެ ފުރާނަތަކަށް ފައިދާއެއް ނުކުރާނެ. ހަމައެކަނި އެމީހުންނާއި ހަމަޔަށް ފޯރާނެ އެއްޗަކީ އަހަރެމެންގެ ދުޢާ...." އާދައިގެ މަތިން އިސްހާގުގެ ވާހަކަތައް ބުއްދިވެރިއެވެ." މަންމަ އަބަދުވެސް ބޭނުންވި ކަމެއް އޮތް. އެއީ ކައިލް ރަގަޅު އަންހެނަކާއި ކައިވެނީގެ ގޮތުން ގުޅުން. މާމައަށް ދެން އެދުވަސް ނުފެންނާނެތީ ހިތް ހަލާކުވާވަރުވޭ. މާމަ ނޯރާއާއި ވަރަށް ރުހުނު. ކައިލްއަށްވެސް އެކަން އެނގޭނެ......"
އިސްހާގު ބުނަން އުޅުނު އެއްޗެއް ކައިލްއަށް ދޭހަވިއެވެ. ނޯރާގެ ބައްޕައާއި އަޅާލާ ޚިދުމަތްކުރަން ނޯރާ ލަވެންޑަރއަށް އަންނަން ޖެހިފައިވާ ދަނޑިވަޅެއްގައި އެ ހާލަތާއި އެންމެ އެކަށީގެންވަނީ ކައިލް ނޯރާއާއި ކައިވެނިކުރުން ނޫންހެއްޔެވެ؟
"ނޯރާ އޯލްރެޑީ އެންގޭޖްޑް އިސްހާގު..." ކައިލްގެ ޖަވާބުން އިސްހާގު އަސާއަށް ބުރަވެގެން ހުރެ ކައިލްއަށް ނަޒަރު ހުއްޓައިލިއެވެ.
"ކާކާއިތަ؟"
"ތިހެންބުނީމަ މި ހަނދާންވީ. މާދަން އަހަންނާއިއެކު އިސްހާގު ވިންޓަރފެލްއަށް ދާންވީނު؟ އިސްހާގު އަހަރެންގެ ކައިވެންޏަށް ޝައުގު ހުރުމާއެކު ނޯރާގެ ފިއާންސޭއަކީ ކާކުކަން އެނގެން ބޭނުމިއްޔާ..."
"އަނެއްކާވެސް ވިންޓަރފެލް؟"
ހުރިހާ ޖަވާބެއްވަނީ އެތާގައި އިސްހާގު.." ކައިލް މާނަވީ ގޮތަކަށް ބުނުމުން އިސްހާގުގެ ސަމާލުކަން ދަމައިގަތެވެ.
ނުނިމޭ