ކ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ޒަމާނުންސުރެ ތަރައްގީއަށް ކުރަމުންދިޔަ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ޕިކްނިކް އައިލެންޑު އެ ރަށު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ކ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކ. އަތޮޅުގެ ރައްޔިތުން އެދޭ އެދުން ކުރީގެ ސަރުކާރުތަކަށް އެނގޭނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އޮތީ އެކަން އޮތީ ދެފެންދޭތެރޭގައި ކަމަށެވެ.

"ގުރައިދޫވެސް އޮތީ ބިން ހިއްކަން އެދިއެދި. މާފުށި އޮތީ ބިން ހިއްކަން އެދިއެދި. ހުރާވެސް އޮތީ ބިން ހިއްކަން އެދިއެދި. ރައްޔިތުން މި އިންތިޒާރުގައި ތިއްބާ ރާއްޖޭގެ ކަލަންޑަރުން ފަހަރަކު އަހަރެއް ފަހަރަކު އަހަރެއް އެއްލެމުން ދިޔަ. ކޮންމެ ފަސް އަހަރަކުން ރައީސަކު އިންތިހާބުވެ ދައުރު ނިންމަމުން ދިޔަ،" އާޒިމް ވިދާޅުވިއެވެ.

ކ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ބޭނުންވި ކަންތައްތައް ރައީސް ސޯލިހު ކޮށްދެއްވައިފި ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ވެސް އެ އަތޮޅުގައި ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ކ. ދޫނިދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް ކުރިއަަށްދާކަމުގެ އުފާވެރި ޚަބަރު ވެސް އާޒިމް މާލޭގެ ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

"ކުޑަގިރި ޕިކްނިކް އައިލެންޑު ބިން ހިއްކުންވެސް ހިނގަމުން އެބަދޭ. މިއީ މާލޭގެ ރައްޔިތުން ދަތުރުގޮސްލައި އުފާކޮށްލުމަށްޓަކައި ރައީސް ދެއްވާ ހަދިޔާއެއް،" އާޒިމް ވިދާޅުވިއެވެ.

މި ޕިކްނިކް އައިލެންޑުގެ މަސައްކަތް މާޗް ނުވަތަ އޭޕްރިލް މަހުގެ ތެރޭގައި ނިމޭނެކަމަށް އާޒިމް ވިދާޅުވިއެވެ.