އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑު ބަލިކޮށް ވެސްޓްހަމް ޔުނައިޓެޑުން ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.

ވެސްޓަހަމް ދަނޑުގައި މިރޭ ކުޅުނު މެޗު ހޯމް ޓީމުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިންނެވެ. މިރޭގެ މެޗުގެ ކުރިން ފަސްވަނައިގައި އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. މިރޭ ޓޮޓެންހަމްއާއި ސައުތެމްޓަން ބައްދަލުކުރި މެޗުން އެއްވަރުވުމާއެކު ވެސްޓްހަމް އިން ވަނީ 31 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ.

މިރޭގެ މެޗު ފަށައިގެން ވަޓްފޯޑުން ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ވަޓްފޯޑަށް ލީޑު ނަގައިދިނީ ޖޮޝުއާ ކިންގް ދިން ޕާހަކުން އެމަނުއެލް ޑެނިސް ވާތު ފައިން ގޯލަށް ފޮނުވާލި ހަމަލާއިންނެވެ. އެހާފުގެ ފުރަތަމަ 25 މިނެޓުގައި ވަޓްފޯޑުން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ވެސްޓްހަމް ވަނީ ފަހަތުން އަރާ ހަތަރު ގޯލު ޖަހާފައެވެ.

މެޗުގެ 27 މިނެޓުގައި ވެސްޓްހަމްގެ އުމުރުން 26 އަހަރުގެ ތޯމަސް ސޯސެކް ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ. އޭގެ ހަތަރު މިނެޓުފަހުން ވަސްޓްހަމަށް ލީޑު ފުޅާކޮށްދިނީ ބެންރަހްމާ ޖެހި ހިތްގައިމު ގޯލުންނެވެ. ފުރަތަމަ ހާފު ނިމުނުއިރު 1-2ގެ ނަތީޖާއިން ވެސްޓްހަމް އޮތީ މޮޅުވެފައެވެ.

ވެސްޓްހަމްއާއި ވަޓްފޯޑު ބައްދަލުކުރިމެޗުގައި ހަތަރު ވަނަ ގޯލު ޖެހި ނިކޮލާ ވްލާސިޗް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ--

ދެވަނަ ހާފުގައި ވަތްފޯޑުން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ވެސްޓްހަމްގެ ޑިފެންޑަރުން ވަނީ އެހަމަލާތައް ބްލޮކްކޮށްފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި އިންގުލެންޑްގެ ތަރި ޖެރޯޑް ބޮވެން އަށް ކުރި ފައުލާ ގުޅިގެން ވަސްޓްހަމްއަށް ޕެނަލްޓީ އެއް ލިބުނެވެ.

މާކް ނޮބަލް ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަނެވެ. ދެވަނަ ހާފު ނިމި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އަނެއްކާވެސް ވެސްޓްހަމް އިން ލީޑު ފުޅާކުރިއެވެ. ޖެރޮޑް ބޮވެން ދިން ޕާހަކުން ނިކޮލާ ވްލާސިޗް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިއެވެ.

ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވި ނަމަވެސް މިރޭގެ މެޗުގައި އެޓީމުން ވަނީ ރަނގަޅު ޕާސްތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި އެސްޓަން ވިލާ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ވަނީ ފަސްކޮށްފައެވެ. އެހެންނަމަވެސް މިރޭ ލިވަޕޫލާ ލިއެޗިސްޓާ ސިޓީ މެޗު ކުޅޭނެއެވެ.