28 Dec 2021, 22:32
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއްގައިވެސް ވެރިކަމުގައި ހުންނަވާނެކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކ. މާފުށީ ޕިކްނިކް އައިލެންޑް އެރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ސޯލިހް ހިންގަވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތަކުގެ ބާކީބައި ފުރިހަމަ ކުރެއްވުމަށާއި ތަރައްގީގެ މިސްރާބުގައި ބާރަށް ކުރިއަށް ދިއުމަށް އިތުރު ދައުރެއްގައި އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑުގެ ހާލަތުގައި ގައުމުގެ އުމްރާނީ ތަރއްގީ ކުރިއަށް ދިޔައީ ރައީސްގެ ދުރުވިސްނޭ ވިސްނުންފުޅުގެ ސަބަބުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮވިޑްގެ ހާލަތުގައިވެސް ގިނަ މަސައްކަތްތަކެއް ހުއްޓާނުލާ ކުރިއަށް ގެންދިޔައިން. އާ މަސައްކަތްތައްވެސް ކުރަން ފެށިން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި 373 އުމްރާނީ ތަރައްގިގެ އެކި މަޝްރޫއު ކުރިއަށް ކުރިއަށް އެބަދާ ކަމަށެވެ. އަދި މި ސަރުކާރު އައިފަހުން ނިމިފައިވާ މަޝްރޫއުތަކުގެ އަގު 1.8 ބިލިއަަނަށް އަރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޓެންޑާ މަރުހަލާގައިވާ މަޝްރޫއުތަކުގެ އަގު 16.2 ބިލިއަނަށް އަރާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކަމަށެވެ.
"އަޅުގަނޑުގެ އުމުރުގައި މިވާހާ ދުވަހު ސަރުކާރުގެ އެކި އެކި މަގާމުތަކުގައި މަސައްކަތް ކޮށްފިން. ރާއްޖޭގައި މަޝްރޫއުތައް ހިންގާފަހުރި ސްޕީޑުތައް އަޅުގަނޑުވެސް ދެކެފިން. މިއަދު އަޅުގަނޑުމެން މި ހިންގާ ސްޕީޑުގައި މި ހިންގާ ގިނަ މިނުގައި މަޝްރުއުތައް ހިންގި ދުވަސްވަރެއް އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑު ނެދެކެނެ،" އަސްލަމް ވިދާޅުވިއެވެ.
މިއީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތްފަހުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައި ވަރިކަމުގައި ދެމި ހުންނަވާނެ ނެކަމަށް ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ފުރަތަމަ ފަހަރެވެ.