ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ފަންނުވެރިންގެ މުސާރައާއި މަގާމުގެ ކުރިއެރުން ލިބޭނެ އިދާރީ އޮނިގަނޑެއް ނެތުމުގެ ސަބަބުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދުނުމަށް ސިއްހީ ފަންނުވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެޗްޕީޔޫ) އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅައިފައިވާ މި މައްސަލައިގައި ވަކާލާތު ކުރާނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ފަރާތުންނެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅައިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 ސިވިލްސާވަންޓުންގެ ފަރާތުންނެވެ.

ޕީއައިއެލްސީގެ ރައީސާ މަރިޔަމް ޝުނާނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ 2008 ގައި ސިވިލް ސާވިސް ފެށުނީއްސުރެ ނިގުޅައިގަނެފައިވާ ސިއްހީ މަސައްކަތްތެރިންގެ މައްސަލައަށް ހަލެއް ހޯދުމަށް ކުރާ މަސައްކަތަށް އަލި މަގެއް ލިބިފައިނުވާތީ ކަމަށެވެ.

"އެޗްޕީޔޫގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި މި މައްސަލަ ހައްލިކުރެވޭތޯ ބެލުމަށް،" ޝުނާނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝުނާނާ ވާހަކަދައްކަނީ---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގާނޫނު އަސާސީ ބުނާގޮތުން މަސައްކަތެރިންނަށް މިފަދަ އޮނިގަނޑެއް އެކުލަވާލަން ޖެހެނީ ސިވިލްސާވިސް ކޮމިޝަނުންނެވެ. އަދި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޓީޗަރުންނާއި ނަރުހުންގެ ކުރިއެރުމުގެ އޮނިގަނޑު އެކުލަވާލި ނަމަވެސް ސިއްހީ އެހީތެރިންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން ތިން ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީ އާއި ސިވިލްސާވިސް ކޮމިޝަނާ ބައްދަލުކޮށްފައިވާނެ ކަމަށް ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު ވިދާޅުވިއެވެ.

"އެއިން ކޮންމެ ފަހަރަކުވެސް އެބޭފުޅުން އެބަހުރި ތަފާތު އެކި ގޮތްގޮތަށް ޖަވާބު ދެއްވާފައި. ބަޖެޓް ނެތްކަމަށް ބައެއް ފަހަރު ވިދާޅުވެފައި. އަދި އަޅުގަނޑުމެންގެ މުވައްކިލުން ބައްދަލުކުރެއްވެވި ޕޭ ކޮމިޝަނާ ވެސް. ބައްދަލުކުރެއްވުމުން އެބޭފުޅުން ވެސް ޖަވާބު ދެއްވާފަވޭ ޕޮލިޓިކަލީ ޕްރިއޮރަޓައިޒް ކުރެވޭ ގޮތެއްގެމަތިންނޭ މިފަދަ ކަންކަން ހަމަޖެހިގެންދާނީ،" ނާހިދު ވިދާޅުވިއެވެ.

މަސައްކަތެރިން ބުރަ މަސައްކަތް ކުރި ނަމަވެސް މުސާރައިގެ ކުރިއެރުމެއްވެސް މަގާމުގެ ކުރިއެރުމަށް ވެސް ނުލިބޭކަމަށް އެ ޖަމިއްޔާގެ ރައީސާ ޝުނާނާ ވިދާޅުވިއެވެ.

"ކޮވިޑުގެ ހާލަތުގައިވެސް ގައުމަށް އެންމެ ބޮޑު ހިދުމަތެއް ކޮަށްދެއްވާފައިވާ ބޭފުޅުންނަކީ ހަަމަ ހެލްތު ސެކްޓާގެ ފަންނީ ބޭފުޅުން. އެހެންނަމަވެސް އެފަރާތްތަކަށް ލިބެންވާ ހަމަ އުޖޫރައެއް ނުލިބުމަކީ ކަންބޮޑުވާކަމެއް،" ޝުނާނާ ވިދާޅުވިއެވެ.

ކޯޓަށް މި މައްސަލަ ހުށަހެޅިނަމަވެސް އެ މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދައުލަތުގެ އިދާރާތަކަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ދަށުން ހިންގާ އެކި އެކި އޮފީސްތަކުގައި މުސާރައިގެ ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.