08 Mar 2012, 10:39
މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދާއި އަނިޔާވެގެން ފަރުވާ ހޯދި މީހުންގެ އަދަދުތައް ހާމަކޮށްދިނުމަށް ރާއްޖޭގެ ފުލުހުން ކައިރިން އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ފުލުހުން އަދި އާއްމު ނުކުރާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
އިއްޔެ ރޭ ރާޅުގަނޑު ސަރަހައްދުގައި ފުލުހުން އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ބުނެ، އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ "ހައްޔަރުކުރި މީހުންނާއި އަނިޔާވެގެން ފަރުވާ ހޯދި މީހުންގެ އަދަދު އާއްމުކޮށް ދިނުމަށް ފުލުހުންގެ އޮތޯރިޓީގައި އެދިފައި ވާނެ ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު އާއްމު ނުކުރާ" ކަމަށެވެ.
އެމްނެސްޓީގެ ބަޔާނުގައި އަދި ވަނީ އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ޑަޒަނަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ބައެއް މީހުން ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސް ތިއްބައި ހައްޔަރުކޮށްގެން މާލޭގައިވާ ޑިޓެންޝަން ސެންޓަރުތަކަށް ގެންދިއުމަށް ފަހު ފަހުން ދޫނިދު އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް އެ ޖަމާއަތަށް ލިބިފައިވާ ކަމަށެވެ.
ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީ އިން ކޮންމެ ރެއަކުވެސް ކުރަމުން އަންނަ މުޒާހަރާ އަށް އިއްޔެ ރޭ ފުލުހުން ދިން ހަމަލާއަކީ ފުލުހުންގެ ބައެއް ސްޓޭޝަންތަކުގެ ކުޑަދޮރުތައް ހަލާކުރުމުން އެކަމާ ބަދަލުހިފުމުގެ ގޮތުން ކުރި ކަމެއް ކަން ހާމަވެފައިވާ ކަމަށާއި ކުޑަދޮރުތައް ހަލާކުރީ އެމްޑީޕީ އިން ކަމަށް ފުލުހުން ކުރާ ތުހުމަތު އެމްޑީޕީ އިން ދޮގު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިއްޔެރޭގެ ހާދިސާގައި އަނިޔާވެފައި ވަނިކޮށް 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ބެލުމަށް މާލޭގައި ތިބި އެމްނެސްޓީގެ ޑެލެގޭޓަށް ފުރުސަތު ދީފައި ނުވާ ކަމަށް ވެސް އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އަކީ އިނގިރޭސިވިލާތުގައި މަރުކަޒުކޮށްފައިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމާއަތެކެވެ.