28 Dec 2021, 16:47
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ, މިއަދު ފަތިހު 05:30 ހާއިރު ތ. ވިލިފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދިޔަ 86 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.
މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 262 އަށް އަރައިފައެވެ.
ކޮވިޑްގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ފިރިހެނެކެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 95،032 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 92،679 އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 2،079 އެވެ. މީގެ ތެރެއިން އަށް މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.