28 Dec 2021, 19:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޑިއާ ގޯސްވީ ސިޔާސީ އެއްތައް ކުށްވެރިންނެއް ޖަލަށް ލައިގެން އަނިޔާ ނުކުރަން ގޮވައިލުމުން ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ ރައީސް ޔާމީން އިސްވެ، ހުންނަވައި މިހާރު ކުރިއަށް ގެންދަވައި "އިންޑިއާ އައުޓް ކެމްޕެއިން" ހަރަކާތް ކުށްވެރިކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އެ ޕާޓީން ބުނީ ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫއެން އަދި ކޮމަންވެލްތް ވެސް ގޯސްވީ ސިޔާސީ އެތައް ކުށްވެރީންނެއް ޖަލަށް ލައިގެން އަނިޔާ ކުރުން ހުއްޓާލައި، މި ގައުމުގައި އިންސާފު ގާއިމުކޮށް އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެދި މި ޑިމޮކްރެޓިކް ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވައިލަން ފެށުމުން ކަމަށެވެ.
ރައީސް ޔާމީންގެ ފަސް އަހަރު ތެރޭގައި ވެސް ޔޫއެންގައި ރާއްޖެ ތަމްސީލު ކުރައްވަން ކެރިވަޑައިނުގެންނެވިކަން ފާހަގަކޮށް، އެ ޕާޓީން ބުނީ ކޮމަންވެލްތުން ވެސް ސަސްޕެންޑް ކުރާނެކަން ޔަގީން ވުމުން އަވަސް އަރުވާލައިގެން އެ ޖަމާއަތުން ވަކިވެ، އަދި އެތައް ގައުމަކާއެކު އޮތް ހާރިޖީ ގުޅުން ވެސް ކަނޑައިލީ ކަމަށެވެ.
އެމްޓީޑީން ބުނީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ރާއްޖެ އޮތީ ބައިނަލް އަގްވާމީ ދުނިޔެއާ އެކަހެރިވެ، ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅާ ހިސާބުގައި ކަމަށެވެ.
އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ އަޑުއުފުލައި ސަރުކާރު ޖަވާބުދާރީ ކުރުވާތަނެއް ނުފެންނަކަން ފާހަގަކޮށް އެމްޓީޑީން ބުނީ މި ފަހުން ހިޔާ ފްލެޓްގެ ވެރީންނާއި އަދި އަރަބިއްޔާ ސްކޫލްގެ ބެލެނިވެރީން ވެސް ޖެހުނީ އަމިއްލައަށް އަޑުއުފުލައި، އެމީހުންގެ ހައްގުތަކަށް ވަކާލާތު ކުރަން ކަމަށެވެ.
އެމްޓީޑީން ބުނީ އެއާ ހިލާފަށް ރައީސް ސޯލިހް، ވަނީ އެ ފަރާތްތަކުގެ އަޑު އައްސަވައި އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައި ކަމަށެވެ.
"ރައްޔިތުންނަކަށް މިއަދު އިދިކޮޅު ޕާޓީއެއް އަދި އިދިކޮޅު ލީޑަރެއްގެ ބޭނުމެއް ނުހިފެ. އަދި މިދިޔަ ދެ އަހަރު މުޅި ދުނިޔޭގައި ފެތުރެމުން މިދާ ކޮވިޑް، ކާރިސާއާ ބެހޭގޮތުން ހަމްދަރުދީގެ އެންމެ ބަސްފުޅެއް ވެސް ރައީސް ޔާމީން ވިދާޅެއް ނުވެ،" އެމްޓީޑީން ބުންޏެވެ.
ރައީސް ޔާމީނަށް ފާޑު ކިޔަމުން އެ ޕާޓީން ބުނީ ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މި ދަތި އުނގަދޫ ދުވަސްވަރު، އެއްވެސް ޒިންމާދާރުކަމެއް ނެތި، ރައީސް ޔާމީން މިއަދު ކުއްލިއަކަށް ނުކުމެވަޑައިގެން އިންޑިއާ އައުޓް ޖަހައިގެން މަސައްކަތް ކުރައްވަނީ އެ ގައުމުން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތް ނުކުރެވިގެން ކަމަށެވެ.
އެމްޓީޑީން ބުނީ ރައީސް ޔާމީންގެ މަގުސަދަކީ އިންޑިއާމެދު ނަފުރަތު އުފައްދައި އަމިއްލަފުޅަށް ކުރެއްވި ހުރިހާ ކަމެއްގެ މަތިޖަހާ، ކޮވިޑުގެ މި ދަތި ހާލުގައި ރާއްޖެއަށް ބޭރުން ލިބެމުން އަންނަ އެހީތަކާއި އަދި ވިޔަފާރިތަކުގެ އިތުރުން އިންވެސްޓްމެންޓްތައް ވެސް ހުއްޓުވައިލުން ކަމަށެވެ.
އިންޑިއާ އައުޓް ޖެހި ޓީޝާޓް ތުރުކުރައްވައިގެން ނުކުންނަވައި އިންޑިއާގެ އެއް ބިލިއަނަށްވުރެ، ގިނަ ރައްޔިތުންނާމެދު ނަފުރަތު އުފެއްދުމަށް ޓަކައި އެ ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއްގެ ގޮތުގައި ވެސް އެމްޓީޑީން ސިފަ ކުރެއެވެ.