28 Dec 2021, 14:29
ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ އަންނަ މަހު 29ގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދަންމާލަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު އެގޮތަށް ނިންމެވީ، ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް ގަރާރުގައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިއުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވަމުން އަންނަ އަދަދުތައް މިހާރު ކޮންމެ ދުވަހަކު ވެސް އުޅެނީ 100އިން މަތީގައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނަމަވެސް އަތޮޅު ތެރެއިން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ވެސް ބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،079 އެވެ. މިހާތަނަށް ޖުމުލަ 95،032 މީހުން ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.