28 Dec 2021, 13:46
ބޭނުންވެއްޖެނަމަ އިސްރާއީލު އޮތީ ނިއުކްލިއާ ހަތިޔާރު ހެދުމުގެ ފުރުސަތުން އީރާން މަހްރޫމް ކުރުމަށްޓަކައި އެކަނިވެސް އީރާނާ ދެކޮޅަށް ތެދުވާގޮތަށް ކަމަށް ވިދާޅުވެ ކުރިޔާ ޚިލާފަށް ވަރަށް މާޔޫސީ ގޮތެއްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައީރު ލެބެޑް އިއްޔެ ވާހަކަ ދައްކަވައިފިއެވެ.
އިސްރާއީލުގެ ޕާލަމެންޓްގެ ޚާރިޖީ އަދި ދިފާއީ ކަންތައްތަކާބެހޭ ސަބްކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ލެބެޑް ވިދާޅުވީ އިސްރާއީލުގެ ހުރިހާ ކަމެއް އަމާޒުކުރަނީ އަދި ކުރާނީވެސް ނިއުކްލިއާ ހަތިޔާރު ހެދުމުގެ ފުރުސަތުން އީރާން މަހްރޫމް ކުރުމަށްކަމަށާއި މިކަމުގައި އިސްރާއީލު އެކަނި ހަރަކާތްތެރިވާން ޖެހުނުނަމަވެސް އިސްރާއީލު އޮތީ ފަސްޖެހޭގޮތަށް ނޫންކަމުގައެވެ. ލެބްޑް ގެ ވާހަކަތައް ހުރީ ކުރިއާ އަޅާބަލާއިރު ވަރަށް މާޔޫސީ ގޮތަކަށް ކަމަށާ ކުރިން އީރާނަށް އިންޒާރު ދޭއިރު އިސްރާއީލުގެ ވެރިންގެ ހުންނަ ފޯރިއާއި ޖޯޝު މިހާރު ނެތްކަމަށް ޚުދު އިސްރާއީލުގެ ނޫސް ރިޕޯޓްތައްވެސް ބުނެއެވެ.

އީރާނުގެ މަނަވަރަކުން ކްރޫޒް މިސައިލެއް ތަޖްރިބާކުރަނީ
އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދޭނެކަމާއި އެކަމަށް ތައްޔާރުވަމުންދާކަމާ އަދި އެކަމަށް ބޭނުންވާ ޒަމާނީ އިތުރު ހަތިޔާރު ހޯދަމުންދާކަމަށް ވިދާޅުވެ އިސްރާއީލުގެ އެކިފެންވަރުގެ މަސްއޫލުވެރިން އީރާނަށް ހަރުކަށި އިންޒާރުތައް ފުލުފުލުގައިދީ ތެޅިފޮޅެމުންދާތާ އެތައް ދުވަސްތަކެއް ވުމަށްފަހު މިހަފްތާގައި އީރާނުން އިސްރާއީލަށް ދިން ހަރުކަށި އިންޒާރުތަކާއެކު އިސްރާއީލަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
އިސްރާއީލަށް ސިހުން ލިބުނީ އިސްރާއީލުގެ ތެޅިފޮޅުންތަކަށް އަޅާނުލައި މަޑުން އޮތުމަށްފަހު އިސްރާއީލަށް ރައްދު ހަމަލާދޭނެގޮތުގެ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް އީރާނުން ކުއްލި ގޮތަކަށް ބާއްވައި އެތަމްރީންތަކުގެ މައިގަނޑު އަމާޒަކަށް އިސްރާއީލުގެ ނިއުކްލިއާ މަރުކަޒު ގޮއްވާލުން ހެދުމުންނެވެ.
ތިން ދުވަހުގެ މުއްދަތަށް އީރާން ކުރިޔަށްގެންދިޔަ އަސްކަރީ ތަމްރީންތަކުގެ ނަމަކީ "އައްރަސޫލުލް އަޢުޟަމް" އެވެ. މި ތަމްރީންތަކުގައި އީރާނުގެ ލަޝްކަރުތަކުންވަނީ ގަލްފުގެ ކަނޑުގައި އިސްރާއީލުގެ ދީމޫނާ ނިއުކްލިއާ މަރުކަޒާ އެއްގޮތް ޑަމީއެއް ހަދައި ބަލިސްޓިކް މިސައިލުގެ 16 މިސައިލާއި ހަމަލާދޭ ބާވަތުގެ ސޮފިސްޓިކޭޓެޑް ޑްރޯންތަކެއް ބޭނުންކޮށްގެން އެ މަރުކަޒުގެ ޑަމީއަށް ވަރަށް އެކިއުރޭޓްކޮށް އެއްވަގުތަކު ގަދަފަދަ ހަމަލާތަކެއްދީ އެޑަމީ އަޅިއަށް ހަދާލާފައެވެ.

އީޜާނުގެ ކަނޑުގެ ބާރުތައް
މިއާއެކު އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ ވަނީ އިސްރާއީލުން އީރާނަށް އެއްވެސް ހަމަލާއެއް ދީފިނަމަ އަސްކަރީ ތަމްރީންތަކުގައި ދިންފަދަ ވަރުގަދަ ހަމަލާތަކެއްދީ އިސްރާއީލުގެ ނިއުކްލިއާ މަރުކަޒު ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އެއަށްފަހު އީރާނުގެ ދިފާއީ ވަޒީރުވަނީ އީރާނަށް ހަމަލާދިނުމަށްފަހު އިސްރާއީލެވެކިޔާ ޣައިރުގާނޫނީ އެންޓިޓީ ފަލަސްތީނުގެ ބިމުގައި އޮންނާނެކަމަށް ހީވެސް ކޮށްގެންނުވާނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ވެރިންނަށް ދެއްވާފައެވެ.
އީރާނުގެ އަސްކަރީ ތަމްރީންތަކުގައި ފުރަތަމަ ފަހަރަށް އަޑަށްވުރެ ބާރަށް ދަތުރުކުރާ ސުޕަސޮނިކް މިސައިލް ބޭނުންކުރިއެވެ. ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ އައު ޓެކްނޮލޮޖީގެ ޒަމާނީ ޑްރޯންތަކެއްވެސް ތަޖްރިބާކުރިއެވެ. މިއާއެކު އިސްރާއީލަށްވަނީ ނަފްސާނީ ގޮތުން ކުއްލި ސިހުމެއް ލިބިފައެވެ. އިސްރާއީލުގެ މުހައްލިލުންވެސްވަނީ އީރާނުގެ އިންޒާރަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އިސްރާއީލުގެ ވެރިންނަށް ގޮވާލައްވާފައެވެ.
އިސްރާއީލަކީ މެދުއިރުމަތީގައި ހަމައެކަނި ނިއުކްލިއާ ބާރެވެ. ހުޅަނގުގެ އެހީތެރިކަމާއެކު ސިއްރިއްޔާތުގައި ނިއުކްލިއާ ހަތިޔާރު އުފައްދައި އެކަން ސިއްރުކޮށްގެން އުޅޭ އުދުވާނީ ގައުމަކީ ހަމައެކަނި އިސްރާއީލެވެ. ނިއުކްލިއާ ހަތިޔާރުގެ މޮނޮޕޮލީ އިސްރާއީލަށް ލިބިފައިވުމުން އެކަން ބޭނުންކޮށްގެންނާ އަދި އެމެރިކާގެ އެހީގައި އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ބިމުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ. އަވަށްޓެރި ގައުމުތަކަށް އިސްވެ ހަމަލާދީ ބިރު ދައްކަމުންނެވެ.
އަދި މެދުއިރުމަތީގެ އެހެންގައުމެއްގައި ނިއުކްލިއާ މަރުކަޒެއް ހުރިނަމަ އެތަނަށް ހަމަލާދީ ހަލާކުކޮށްލައި އަވަށްޓެރި ގައުމުތަކަށް ބޭނުންވަގުތަކު ހަމަލާދިނުމާއި ބިރުދެއްކުމުގެ ފުރިހަމަ ބާރު އޮތީ އިސްރާއީލަށް އެކަނިކަން ހާމަކޮށް ބޮޑާކަމާއި ކިބުރުވެރިކަންވެސް ދައްކައި އިންޒާރުތައް ދިނުމަކީ އިސްރާއީލު ހިންގަމުން ގެންދާ އަދަބު ނުދެވޭ ޖަރީމާތަކެވެ.
މިގޮތުން އިސްރާއީލުވަނީ އިރާގާއި ސޫރިޔާގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ބިމާހަމަކޮށްލައި ލޭއޮހޮރުވައިގެންނަމަވެސް އިސްރާއީލުގެ ނިއުކްލިއާ މޮނޮޕޮލީ ދަމަހައްޓާނެކަން އަމަލީގޮތުން ހާމަކޮށްފައެވެ. ނަމަވެސް މިކަން ކުށްވެރިކުރާނެ ފަރާތެއް ނެތެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވޭނެ ބައިނަލްއަގްވާމީ މުޖްތަމައެއް ނެތެވެ. ނަމަވެސް އީރާނުން އަމިއްލައަށް އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުން އީރާނަށް ހަމަލާދޭން އިސްރާއީލަށް ކެރިފައެއްނުވެއެވެ.
މިއާއެކު މިހާރުގެ އީރާނަކީ ބޭނުންވެއްޖެނަމަ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބިލްކަމެއް ލިބިފައިވާ ގައުމެއްކަމަށް އިސްރާއީލަށްވަނީ ގަބޫލުކުރެވިފައެވެ. މިއީ އިސްރާއީލަށް ނިއުކްލިއާ މޮނޮޕޮލީ ގެއްލިގެންދާނެކަމެއްކަންވެސް މިހާރު އިސްރާއީލަށް ވަނީ އިހުސާސް ކުރެވެން ފަށާފައެވެ. އެހެންކަމުން އިސްރާއީލު ގެންދަނީ އީރާނަށް ހަމަލާދީ އެތައްބަޔަކު މަރާލައި ބޮޑު ލޭއޮހޮރުވުމެއް ހިންގައިގެން ނަމަވެސް މިމޮނޮޕޮލީ ދެމެހެއްޓޯތޯ ތެޅިފޮޅެމުންނެވެ.
ނަމަވެސް އީރާނަކީ ރައްދުގައި އިސްރާއީލުގެ ނިއުކްލިއާ މަރުކަޒު ހަލާކޮށްލުމުގެ ގާބިލްކަން ހުރިގައުމެއްކަން އެންމެފަހުން ބޭއްވި އަސްކަރީ ތަމްރީންތަކުގައި އީރާން ބޭނުންކުރި ބާރުގަދަ އައު ހަތިޔާރުތަކުން ހާމަވުމުން އިސްރާއީލަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އީރާނުގެ ތަމްރީންތަކާއި އިންޒާރުތަކަަށްފަހު އިސްރާއީލުގެ މަސްއޫލުވެރިންގެ އިންޒާރުތައް މައިތިރިވެ އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގެންޓްސް ވަނީ އީރާނާ ހަނގުރާމަ ކުރަން އިސްރާއީލު ނޫޅޭކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވިގޮތުގައި އީރާނާ ދެކޮޅަށް އިސްރާއީލު އޮންނާނީ އަބަދުވެސް ހޭލައެވެ. އަދި އީރާނުގެ ނިއުކްލިއާ މައްސަލާގައި އެމެރިކާ އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ އިސްރާއީލަށް ލިބިފައިވާ އަސްކަރީ ބާރުވެރިކަމާއި ހައިބަތު ގެއްލިގެންދާނެ ކަމެކެވެ. އެއީ އިސްރާއީލަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަަށްވެސް އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ވިއެނާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިއާ ވާހަކަތައް ކާމިޔާބުވެއްޖެނަމަ އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރުސަތު އީރާނަށް ލިބިގެންދާނެތީ މިވާހަކަތައް ނާކާމިޔާބުކޮށްލުމަށް ކުރެވެންހުރި ހުރިހާ ކަމެއް އިސްރާއީލު ގެންދަނީ ކުރަމުންނެވެ. ވާހަކަތައް ނާކާމިޔާބުވިނަމަވެސް ހަނގުރާމަކޮށްގެން އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލުމަކީ (އީރާންވެސް އަސްކަރީ ވަރުގަދަ ރައްދެއް ދޭނެތީ) ކުރެވެން އޮތްކަމެއް ނޫނެވެ.
ސަބަބަކީ އެކަމުގެ ސަބަބުން މުޅި ސަރަހައްދު ހަނގުރާމައެއްގެ ތެރެއަށް ވެއްޓި އެއިން ޚުދު އިސްރާއީލުވެސް ސަލާމަތް ނުވާނެކަމެއްކަން އެމެރިކާއަށް އެނގޭތީއެވެ. އަނެއްކޮޅުން ހަނގުރާމަކުރިނަމަވެސް އީރާނުގެ އެކިކަންކޮޅުތަކުގެ ބިމުގެ އަޑީގައާއި ފަރުބަދަތަކުގެ އަޑީގައިވާ އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗަ ގެ ހުރިހާ ބައިތަކެއް އެއްކޮށް ހަލާކުކޮށްލެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ހަނގުރާމަ ފަށައިފިނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްބުނެ ފާޅުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޝަރުއިއްޔަތު ވެސް އީރާނަށް ލިބިގެންދާނެކަމުގެ ބިރު އެމެރިކާ އިހްސާސްކުރެެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުގައި އެމެރިކާ ބަލިވުމާއި އިރާގުން ފައިބަންޖެހުމާއި ޔަމަން ހަނގުރާމައިގާ ހޫޘީން ބަލިނުކުރެވުމާއި ޔުކްރޭންގެ މައްސަލާގައި ރަޝިއާއާ ކުރިމަތިލާންޖެހިފައިވުމާއި ޗައިނާއާ ކުރިމަތިލާންޖެހިފައިވުން ފަދަ ބޮޑެތި އެތައްކަމެއް ކުރިމަތިވެފައިވާއިރު ނިއުކްލިއާ މައްސަލާގައި އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ދިޔުމަކީ އެމެރިކާ ކުރާނެކަމެއް ނޫނެވެ.
އެހެންކަމުން އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވާނެކަމާއި އެއާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގެ އިހްސާސް އިސްރާއީލަށްވަނީ ކުރެވެން ފަށާފައެވެ. އެހެންކަމުން އީރާނާ ދެކޮޅަށް އިސްވެ ހަމަލާދޭން ނުކެރުނުނަމަވެސް އެމެރިކާގައިވާ ޔަހޫދީ ލޮބީތަކުގެ ބާރުގައި އިސްރާއީލު އަދިވެސްދަނީ މިވާހަކަތައް ޚަރާބުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.