އަންހެން ކުދިންނަކީ ގައުމުގެ ތަރައްގީ ބައްޓަން ކުރުމުގެ އިސް ސަފުގައި ހަަރަކާތްތެރިވާ ބަޔަކަށް ހެދުމަށް މިނިވަންކަމާއި ޒިންމާދާރުކަމާއެކު އަންހެނުން ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާ އެކީގައި ތަރައްގީ އާއި ސިޔާސީ މައިދާނުގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާން ޖެހޭ ކަމަށާއި އަންހެނުންގެ ކުރިއެރުމާމެދު މިވަގުތު ވިސްނަންޖެހިފައިވާ ކަމަށެވެ. ތަރައްގީގެ މަގުގައި ކުރާ ދަތުރުގައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ރާވާ ކަންކަމުގައި ބައިވެރިވުމަށް އަންހެނުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފައި، ގައުމުގެ ކުރިއެރުމަށާއި ލާބައަށް ކުރެވޭ ކަންކަމަށް ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލާ ބަޔަކަށްވެސް އަންހެނުންވާން އެބަޖެހޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިއަހަރުގެ ރާއްޖެއިން ކަނޑައަޅާފައިވަނީ "ޤައުމު ބައްޓަން ކުރުމަށް – އަންހެނުން" މި ޝިއާރެވެ.

ރައީސް ވިދާޅުވީ ތަރައްގީ އާއި ކުރިއެރުން، އޭގެ ފުރިހަމަ ގޮތުގައި ލިބޭނީ ޖަމާއަތުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު އެއް އަމާޒަކަށް، އެއް މަގުސަދެއްގައި މަސައްކަތް ކޮށްގެންކަން ކަމަށެވެ. އަދި މިކަން ހާސިލު ކުރުމަށް ދިވެހި ފިރިހެނުންނާއި އަންހެނުން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި އެވެ.

"އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ، ސަރުކާރުގެ ވަކި ހާއްސަ އެއް މުއައްސަސާއަކުން ކުރެވޭނެ މަސައްކަތެއް ނޫނެވެ. ހުރިހާ ދާއިރާތަކަކުންވެސް ކުރާ މަސައްކަތްތަކުގައި ޖެންޑާގެ ހަމަހަމަކަން ގާއިމު ކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ކަންތައްތައް ރާވައި ހިންގަންޖެހެ އެވެ،" ރައީސް ވިދާޅުވެފައިވެ އެވެ.