28 Dec 2021, 11:24
ހުޅުމާލޭ ބިމުގެ މައްސަލަ ކޯޓުގައި އޮއްވައި ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިމެއް ނުވިއްކޭނެ ކަމަށް މާލެ ސިޓީ ކައުންސިލް ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައިން 60 ގޯތި ވިއްކުމަށް އެޗްޑީސީއިން އިއްޔެ ހުޅުވާލުމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލު ކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
"ހުޅުމާލޭ ބިމުގެ ވެރިފަރާތާ މެދު ވަކި ގޮތެއް ނުނިމި ކޯޓު މަރުހަލާގައި އޮއްވައި އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ދެކެން،" ސިޓީ ކައުންސިލުގެ ބަޔާނުގައި ފާހަގަ ކުރިއެވެ.
ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިރު، ހުޅުމާލެއިން ބިން ވިއްކަން ނިންމި އިރު މާލެ ސިޓީ ކައުންސިލުގެ ބަހެއް އެކަމުގައި ނުހޯދާކަން ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ.
ސިޓީ ކައުންސިލުން ބުނީ، މިހާރުން މިހާރަށް ގޯތި ގެދޮރުގެ ބޭނުން ޖެހިފައިވާ އެތައް އާއްމު ރައްޔިތުންނެއް ތިއްބައި މުއްސަނދިންނަށް ގޯތި ވިއްކުމަށް ހުޅުވާލި ހުޅުވާލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ބަދަލުގައި، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކުން އާމްދަނީ އިތުރު ކުރުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް އިއްޔެ އެޗްޑީސީން ހުޅުވާލަމުން ބުނެފައި ވަނީ އެ ގޯތިތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭންގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި ކަމަށެވެ.
"މިގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާ އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކިއެކި މަޝްރޫއުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހި ކޮށްދިނުން. މީގެ އިތުރުން މި ކޯޕަރޭޝަންގެ ބިސްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މިފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫތަކުގެ އަގު ކުޑަކުރުން ކަމުގައި ފާހަގަ ކުރަން،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭން ބިން ވިއްކުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ބޭފުޅުން ވެސް ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.