28 Dec 2021, 10:25
ހުޅުމާލެއިން ބިން ވިއްކުމަށް އިއްޔެ ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރުމާއެކު ގިނަ އަދަދެއްގެ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް އެޗްޑީސީން އިއުލާން ކުރީ 60 ގޯއްޗެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯއްޗެވެ.
ސޯޝަލް މީޑިއާގައި އެކަމާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށް، ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑު ކިޔައިފައެވެ.
އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދުން ލިބޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި، ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަމައެއާއެކު އެޗްޑީސީން އެގޮތަށް ބިން ވިއްކާނަމަ، އެކަމުގެ ފައިދާ ކުރާނީ މުއްސަނދިންނަށް ކަމަށާއި، ނިކަމެތިން އިތުރަށް ނިކަމެތި ވާނީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އާއްމުން ބުނަމުން ދަނީ ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޓަކައި މަގުމައްޗަށް ނުކުންނަން ވެސް ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ބައެއް މީހުން ފާހަގަ ކުރި ގޮތުގައި ހުޅުމާލެއިން ބިން ވިއްކުމަކީ ވިޔަފާރި ވެރިންނަށް އެކަނި ފައިދާ ކުރާނެ ކަމެކެވެ. އަދި ބޯހިޔާވަހިކަމެއް ނެތް އެތައް ރައްޔިތުންނެއް ވަރަށް ހާލުގައި އުޅެމުން ދާއިރު، މިއީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ.
މިކަމާ ކަންބޮޑުވާ ބައެއް މީހުން ވަނީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގައި އާއްމުންނަށް އެހީތެރިވެ، ދެވަނަ ފިޔަވަހިން ބިން ވިއްކުން ހުއްޓުވައި ދިނުމަށް އެދިފައެވެ.
މިކަމާ ގުޅިގެން މުއިއްޒި ވިދާޅުވީ، ހުޅުމާލެ ދެ ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަން ދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.
"މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން!" މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ މަތީ މަގާމު ތަކުގައި ތިބި މީހުން ފެށިގެން އެންމެ އާއްމު ފަރުދުން ވެސް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މީހުންގެ އިތުރުން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންވެސް ހިމެނެއެވެ.
މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ހުޅުމާލެއިން އަނެއްކާވެސް ގޯތި ދޫކުރަން ފެށީ މަހުޖަނުންނަށް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ކުރާ މަލާމާތެއް ގޮތަށް ޝިފާ ވަނީ ސިފަ ކުރައްވާފައެވެ.
"އެޗްޑީސީ ދަރާފައި އޮތުމުގެ ޒިންމާ އަދާކުރަން ޖެހޭނީ ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކުން،" ޝިފާ ވިދާޅުވިއެވެ.
އެޗްޑީސީން ބުނެފައި ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓަށް ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ކަނޑައަޅާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި ބީޗް ސައިޑުން ކަނޑައަޅާފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.
އެޗްޑީސީން ބުނީ މި ދެ ބާވަތުގެ ބިންތަކަށްވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.