އަންގާރަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ރޭ އަމުރުކޮށްފި އެވެ.

ކޯޓުން އަމުރުކުރުމާ އެކު ފުލުހުން ރޭ ވަނީ އެ ހަތަރު މީހުން ދޫކޮށްލައިފަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މީހުން ދޫކޮށްލާފައި ވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ގާނޫނީ ވަކީލުން އެ ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ރޭ ދަންވަރު 12:35ގައި ކަމަށެވެ.

މަނިކު ވިދާޅުވީ އެ ހަތަރު މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ހަތަރު މީހުންނަކީ ގާނޫނާ އެއްގޮތަށް ހައްޔަރުކޮށްފައިވާ ބައެއްކަމަށް ބެލެވެން ނެތުމުން ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ރޭ ދޫކޮށްލާފައި ވަނީ ހ. ޅަރީތިގޭ އަހުމަދު ރަޝީދު އާއި ބ. ކުޑަރިކިލް، ހަވީރީނާޒު، ހަސަން ސިރާޖު އާއި، ޅ. ހިންނަވަރު އެންދެރިމާގޭ، މޫސާ އިފްރާހު އަދި ސ. މަރަދޫ ކުރުދުމާގޭ، އިބްރާހިމް އަމަލް އެވެ.

އަންގާރަ ދުވަހުގެރޭ ދަންވަރު ލޮނުޒިޔާރަތްކޮޅު ސަރަހައްދުން ފުލުހުން ވަނީ 16 މީހަކު ހައްޔަރުކޮށްފަ އެވެ.
އެ 16 މީހުން ފުލުހުން ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރޭ ހެންވޭރުކޮޅު ސަރަހައްދުން ދިޔަފުލުހުންގެ ވެހިކަލަކަށް ހަމަލާދިން ބަޔަކު ރާޅުގަނޑު ސަރަހައްދަށް ވަނުމުން އެތަނުންނެވެ. ރާޅުގަނޑު ސަރަހައްދުން އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.