ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީއާ އެކު އާ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ ޝޯ ބާއްވަން ތައްޔާރުވެއްޖެއެވެ.

"މަރުހަބާވީސް"ގެ ނަމުގައި މި އަހަރު ބާއްވަން ނިންމާފައިވާ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭ ދުވާ ޓްރެކްގައެވެ.

އަންކިތު ތިވާރީގެ ލަވަތަކުން ވަނީ އެނާގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާފައެވެ. ލަވަ ކިޔުމުގެ އިތުރުން އަންކިތަކީ ކުޅަދާނަ ޕްރޮޑިއުސަރެއްވެސް މެއެވެ.

އަންކިތު ލަވަކިޔަން ފަށާފައިވަނީ 2010 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު ދޯ ދުނީ ޗާރުއަށް ކިޔައިދީފައިވާ ލަވައިންނެވެ.

އަންކިތު އަޑު ބޮލީވުޑުގައި ގަދަވެގެން ދިޔައީ އޭނާ 2014 ވަނަ އަހަރު ބެލުންތެރިންގެ މަގުބޫލުކަން ހޯދި "އޭކް ވިލަން" އަށް ކިޔައިދިން "ގަލިޔާން" ލަވައިންނެވެ. މި ލަވަ ފިލްމު ފެއާ އެވޯޑްސްގެ ދެ ނޮމިނޭޝަނަކަށްވެސް ވަނީ ހޮވިފައެވެ.

މީގެ އިތުރުން އަންކިތު ވަނީ ބޮލީވުޑްގެ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

މި ޝޯއަކީ ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ ބައިވެރިވުމާއެކު ބާއްވާ ޝޯއެކެވެ.