ޖުމްލަ އަށް ޓީމް ވާދަކުރާ މިއަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފަށާނެ އެވެ.

އަށް ޓީމް ދެ ގުރޫޕަކަށް ފަހާލުމަށްފަހު މުބާރާތް މިއަދު ފަށާއިރު، މިއަދު ވަނީ ގްރޫޕް އޭގެ ދެމެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 2:15 ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެއާއި ތުރްކުމެނިސްތާނެވެ. އަދި މިއަދު ގެ ދެ ވަނަ މެޗުގައި ރާއްޖެ ގަޑިން ހަވީރު 4:15 ގައި ބައްދަލުކުރާ ދެޓީމަކީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލާއި ޕަލަސްތީނެވެ.

މުބާރާތް މއަދު ފަށާއިރު، ނޭޕާލުގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގެ ގަޑިތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން އެ ސްޓޭޑިއަމްގައި ކުޅެވޭ މެޗްތަކުގެ ގަޑިތަކަށް ބަދަލުގެނައީ ސްޓޭޑިއަމްގެ ލައިޓް ސިސްޓަމް މުޅިން އިންސްޓޯލްކޮށް ނިމުމާ ގުޅިގެންނާއި މުބާރާތުގެ މެޗުތައް ފަސޭހަކަމާ އެކު ދުރަށް ފޮނުވައި، މުބާރާތް އިޝްތިހާރު ކުރުމާއި މެޗުތަކުގެ ފޯރިގަދަ ކުރުމުގެ ގޮތުންނެވެ.

މުބާރާތުގެ ފައިނަލް ވެސް ކުޅުމަށް ހަމަޖެހިފައިވާ ދަސަރަތު ސްޓޭޑިއަމްގައި ޖުމްލަ 10 މެޗު ކުޅޭ އިރު، މުބާރާތުގެ ސެމީފައިނަލްގެ ދެމެޗާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލް މެޗުވެސް ކުޅެވޭނީ 25000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގަ އެވެ.

މުބާރާތުގެ މެޗުތަކުގެ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ގުރޫޕް ސްޓޭޖްގެ ހަތަރު މެޗެއްގެ ފަށާ ގަޑިއަށް ބަދަލު އައިސްފައި ވާއިރު، މާދަމާ އިންޑިޔާ އާއި ތަޖަކިސްތާން ބައްދަލުކުރާ މެޗާއި ހޮނިހިރު ދުވަހު ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ އިތުރުން އާދިއްތަ ދުވަހު އިންޑިއާ އާއި ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ކުޅުން ފަށާ ގަޑިއަށް ވެސް ބަދަލު އަންނާނެ އެވެ. މިއިން ކޮންމެ މެޗެއްވެސް ކުޅެވޭނީ ރާއްޖޭ ގަޑިން ހަވީރު 4:15 ގަ އެވެ.

މުބާރާތުގެ ސެމީފައިނަލް މެޗްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ގޮތަށް ބަލާލާ އިރު، މި މަހުގެ 16 ވަނަ ދުވަހު ކުޅެވޭ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ގުރޫޕް އޭގެ އެއް ވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމް ބައްދަލުކުރާ މެޗު މިހާރު ކުޅެން ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދުރު 1:45 ގަ އެވެ. ހަމަ އެދުވަހު ކުޅެވޭ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލްގައި ގުރޫޕް ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެ ވަނަ ޓީމް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން ހަވީރު 5:45 ގަ ނއެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ މިހިނގާ މާޗް މަހުގެ 19 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގަ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހު ރާއްޖޭގަޑިން ހަވީރު 5:45 ގަ އެވެ.

މިމުބާރާތް ކުރިއަށް ދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދެ ސްޓޭޑިއަމް ކަމަށްވާ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގެ އިތުރުން ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.