27 Dec 2021, 19:30
މެންޗެސްޓާ ޔުނައިޓެޑަށް ދާދި ފަހުން ހަމަޖެއްސި ކޯޗު ރަލްފް ރަންގްނިކާއެކު ހޭދަ ކުރެވޭ ކޮންމެ ވަގުތެއް ވެސް މުހިއްމުވާ ކަމަށާއި ވަރަށް ގިނަ ފަލާވަޅުތައް ލިބޭ ކަމަށް އެޓީމުގެ އިތުބާރު ހިފޭ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން 1-4 ގެ ނަތީޖާއިން ބަލިވުމާއެކު، އޭރު ކޯޗަކަށް ހުރި އޮލެ ގުނަ ސޮލްޖެއާ ވަނީ ކޯޗު ކަމުން ވަކިކޮށްފައެވެ. އޭގެ ފަހުން ޔުނައިޓެޑަށް ހަމަޖެއްސި ކޯޗަކީ އުމުރުން 62 އަހަރުގެ ތަޖުރިބާކާރު ރަންގްނިކެވެ.
ރަންގްނިކް ކޯޗު ކަމާ ހަވާލުވުމަށްފަހު އަދި މިހާތަނަށް ޔުނައިޓެޑު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ކޮވިޑް19އާ ގުޅިގެން ޔުނައިޓެޑުގެ ގިނަ މެޗުތަކެއް ވަނީ ފަސްކޮށްފައެވެ. ގިނަ ކުޅުންތެރިންތަކެއް އިންޖަރީގައި 16 ދުވަހު ތިބުމަށްފަހު މިރޭ ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑުން ނިކުންނާނެއެވެ. އެޓީމުގެ ކީޕަރު ޑެހެއާ ވެސް ވަނީ ގިނަ ޓްރޭނިން ސެޝަންތަކުގައި ބައިވެރިވެ މިރޭގެ މެޗަށް އެކިގޮތްގޮތުން ތައްޔާރުވެފައެވެ.
ސްޕެއިންގެ ކީޕަރު ޑެހެއާ ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ޓީމުން ވަރަށް ގިނަ ގުރުބާނީތަކެއްވި ކަމަށާއި ވަރަށް ގިނަ ތަމްރީންތަކުގައި މުޅި ޓީމުގެ ކުޅުންތެރިން ބައިވެރިވި ކަމަށެވެ.
"ހުރިހާ އެންމެންގެ ހާލަތު މިހާރު ރަނގަޅު. އެންމެންވެސް އަންނަނީ ޓްރޭނިން ސެޝަންތަކުގައި ބައިވެރިވަމުން. ވަރަށް ބުރަކޮށް އަހަރެމެން މަސައްކަތް މިކުރީ. ކޮންމެ ޓްރޭނިން ސެޝަނެއްގައި ވެސް. ކޯޗު ރަންގްނިކާއި އެކު ހޭދަ ކުރެވޭ ކޮންމެ ވަގުތެއް ވެސް އަހަންނަށް ވަރަށް މުހިއްމުވޭ. ވަރަށް ގިނަ ކަންކަން އޮޅުންފިލާ،" ޑެހެއާ ބުންޏެވެ.

ރަންގްނިކް އާއި ޑޭވިޑް ޑެހެއާ- ފޮޓޯ / ގެޓީ އެމޭޖެސް
ޑެހެއާ ބުނީ މެޗެއް ނުކުޅޭތާ ދެ ހަފްތާ ވީނަމަވެސް މިރޭގެ މެޗަށް އޭނާގެ 100 ޕަސެންޓުގެ ހިތްވަރުލާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ރަންގްނިކްގެ ޓްރޭނިންތައް ވަރަށް ތަފާތު. ވަރަށް ހިތްހަމަޖެހޭ. ވަރަށް ބޮޑު ބަދަލެއް އައިސްފައި މިވަނީ ޔުނައިޓެޑުގެ ޓްރޭނިންތަކަށް. ވަރަށް ރަނގަޅަށް ޓީމު ތައްޔާރުވެފައިވާ މިންވަރު އެނގިގެންދޭ ޓްރޭނިންތަކުން. މީގެ ބޭނުން އަހަރެމެން ދެން ކުރަން މިޖެހެނީ މެޗުތަކުގައި،" ރަންގްނިކް ބުންޏެވެ.
ރަންގްނިކަކީ މުޅި ޔޫރަޕްގައިވެސް ހުރި އެންމެ ވަރުގަދަ އެއް ކޯޗެކެވެ. އޭނާއަކީ ގިނަ ކޯޗުންނަކާއި ފުޓުބޯޅަ ތަޖުރިބާކާރުންގެވެސް އިހުތިރާމް ލިބިފައިވާ ކޯޗެކެވެ. ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ދެ ކޯޗުން ކަމަށްވާ ލިވަޕޫލްގެ ޔާގަން ކްލޮޕާއި ޗެލްސީގެ ތޯމަސް ޓުޗެލްވެސް ފާހަގަކޮށްފައިވަނީ އޭނާ އަކީ ތަޖުރިބާކާރު ކޯޗެއް ކަމަށެވެ.
ރަންގްނިކަކީ މޮޑާން ފުޓުބޯޅައިގެ އެއް ބާނީއެވެ. އޭނާއަކީ ޖަރުމަނުން ތައާރަފުކުރި ހައި ޕްރެސިން، ހައި އިންޓެންސިޓީ ފުޓުބޯޅައިގެ އެންމެ ފުންނާބު އުސް އެއް ކޯޗެކެވެ. ރަންގްނިކް ވަނީ ޖަރުމަނު ޑޮމެސްޓިކް ލީގުގައިވެސް އިންގިލާބީ ނަތީޖާތަކެއް ހޯދައިފައެވެ. ޝާލްކޭއާއެކު 2011 ވަނަ އަހަރު ޖަރުމަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން އާރްބީ ލެއިޕްޒިގާއެކު އެ މުބާރާތުގެ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ. އޭގެ އިތުރުން ޝާލްކޭއާއެކު 2010-11 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ.