28 Dec 2021, 11:51
ޕޯޓް ލުއީ (ޑިސެމްބަރު 27): މިދިޔަ އަހަރުގެ ޖުލައި މަހު މޮރިޝަސްގެ އައްސޭރިފަށުން ފަރަކަށް އެރި އެމްވީ ވަކާޝިއޯ ބޯޓުގެ ކެޕްޓަން 20 މަހަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޖަޕާނުގެ ނަގަޝިކީ ޝިޕިން ކުންފުނީގެ އެމްވީ ވަކާޝިއޯ ބޯޓު މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25ގައެވެ. އެ މައްސަލާގައި ބޯޓުގެ ކެޕްޓަން ސުނިލް ކުމާރު ނަންދޭޝްވަރު އާއި ބޯޓުގެ ފަސްޓް އޮފިސަރު ހިތިހަނިލަގޭ ސުބޯޑާ ޖަނެންދުރަ ތިލަކަރަތުނަ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަސް ތެރޭގައެވެ.
މިދިޔަ ހަފްތާގައި މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީގެ ކޯޓެއްގައި، ނަންދޭޝްވަރާއި ތިލަކަރަތުނަގެ މައްޗަށް ވަނީ ރައްކާތެރިކަމާ އެކު ދަތުރު ކުރުމުގެ ގަވާއިދުތަކާ ހިލާފުވުމުގެ ދައުވާ ސާބިތުވެފައެވެ. އެ މައްސަލައިގެ ޝަރީއަތުގައި ނަންދޭޝްވަރު ވަނީ، ބޯޓު ފަރަށް އެރުމުގެ ކުރިން ބޯޓުގައި އޮތް ޕާޓީއެއްގައި މަސްތުވި ކަމަށް އެއްބަސްވެފައެވެ.
އެ މައްސަލައިގެ ހުކުމް ކުރި ކޯޓުން ވަނީ ދައުވާ ލިބޭ ދެ މީހުންވެސް ކުށަށް އިއުތިރާފުވެ، މާފަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އަދި ދެ މީހުންނަށް ވެސް ކޮށްފައި ވަނީ 20 މަހުގެ ޖަލު ހުކުމެކެވެ.
އެމްވީ ވަކާޝިއޯ ފަރަށް އެރި އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުން ބްރެޒިލްއަށް، 3،800 ޓަނުގެ ތެލާއި 200 ޓަނުގެ ޑީސެލް ބަރުކޮށްގެންނެވެ. އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި 20 މީހުން ވަނީ ސަލަމާތްކޮށްފައެވެ.
މޮރިޝަސް އިން ވަނީ، ސިންގަޕޫރުން ބްރެޒިލްއަށް ދަތުރު ކުރަމުންދިޔަ އެމްވީ ވަކާޝިއޯ އެގައުމުގެ ރަށަކާ އެހާ ކައިރިއަށް ދިޔަ ސަބަބު ތަހުގީގުކޮށްފައެވެ. އެ ތަހުގީގުގައި ނަންދޭޝްވަރު ބުނީ ބޯޓު މޮރިޝަސްއާ ކައިރިއަށް ދިޔައީ، ފޯނަށް ނެޓްވޯކް ނުލިބޭތީ، ފަޅުވެރިންނަށް އެމީހުންގެ އާއިލާގެ މެންބަރުންނާ ގުޅޭނެ ގޮތް ހެދުމަށް ކަމަށެވެ.
އެ ބޯޓު ފަރަށް އެރި ފަހުން މޫސުން ގޯސްވެ، ބޯޓަށް ގެއްލުން ލިބުމުގެ ސަބަބުން އޭގެއިން ގާތްގަނޑަކަށް 1،000 ޓަނުގެ ތެޔޮ ލީކުވިއެވެ. އޭގެ ސަބަބުން މޮރިޝަސްގައި "ތިމާވެށީގެ ކުއްލި ހާލަތު" އިއުލާންކޮށް، އެ ސަރަހައްދު ސާފު ކުރުމަށް ބޭރުގެ އެހީ ހޯދަން ޖެހުނެވެ.
ބައެއް ސައިންސުވެރިންނާ ހަވާލާދީ ރޮއިޓާސްއިން ވަނީ އެ ބޯޓުން ތެޔޮ ބޭރުވުމަކީ މޮރިޝަސްގެ ތާރީހުގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު ތިމާވެށީގެ ކާރިސާ ކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބުން ފަރަށާއި ކައިރީގައި އޮތް ރަށުގެ ކަނޑޫފާތަކަށް ލިބޭ ގެއްލުމުގެ އަސަރު އަހަރުތަކަށް ދެމިގެންދާނެ ކަމަށް އެ ސައިންސުވެރިން ވަނީ ލަފާކޮށްފައެވެ.