ދުނިޔޭގެ ގަދަ ބާރެއް ކަމަށްވާ ރެއާލް މެޑްރިޑުން ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއާއެކު އާ އަހަރުގެ ފުރަތަމަ ދުވަހު ރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފިކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނެފިއެވެ.

ތަފާތު ހުނަރާއެކު މޮޅަށް ކުޅެމުން އަންނަ 23 އަހަރުގެ އެމްބާޕޭއަށް މި އަހަރު ނިމުމާއެކު އޭނާ ބޭނުންވާ ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންނަމަވެސް އެމްބާޕޭގެ ޓްރާންސްފާއާ ގުޅިގެން ވާހަކަ ދައްކަން އެންމެ ފުރަތަމަ ޖެހޭނީ ޕީއެސްޖީއާއެވެ. އެކަން އެންގުމަށްފަހު ރެއާލަށް އެމްބާޕޭއާ ބައްދަލުކުރެވޭނެއެވެ. ސަބަބަކީ އެޓީމާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހުގައި ކަމަށްވާތީއެވެ.

އެމްބާޕޭ ގެންދަން ވެގެން މިދިޔަ ސީޒަނުގައި ވެސް ރެއާލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ރެއާލަށް ކުޅުމަކީ އޭނާ ކުޑަ އިރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެކެވެ. އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ހިލޭ ޓްރާންސްފާގައި އެމްބާޕޭ ގެންދިއުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ. އަންނަ މަހުގެ އެކެއްގެ ފަހުން އޭނާ ލައްވައި ޕްރީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ނަމަ، ޕީއެސްޖީއާ މުއާމަލާތް ކުރަން ޖެހެއެވެ.

ޕީއެސްޖީގެ ކިލިއަން އެމްބާޕޭއާއި ރެއާލްގެ ކަސަމޭރޯ --- ފޮޓޯ/ އޭޕީ

އެމްބާޕޭއަކީ، ދުނިޔޭގައި އުފެދުނު އެންމެ ބާރަށް ދުވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއަކަށްވުމާއެކު ޓްރާންސްފާ މާކެޓުގައި ކްލަބުތަކުން އޭނާއަށް އޮންނަ ޑިމާންޑް ބޮޑެވެ.

ރެއާލަށް އޭނާ ބަދަލުވެއްޖެނަމަ ފްރާންސް ލީގުން އޭނާ ނުފެނި ދެން ފެންނާނީ ލަލީގާއިންނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަން ހޯދި އެމްބާޕޭ ވަނީ މި ސީޒަނުގައި ޕީއެސްޖީއަށް ފްރާންސް ލީގުގައި ނުވަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފީފާ ވޯލްޑް ކަޕުން ވިދާލި އެމްބާޕޭ މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ހަތަރު ގޯލު ޖަހާފައިވެއެވެ.

ހަމައެހެންމެ އަންނަ ސީޒަނަށް ރެއާލުން ދަނީ ޗެލްސީގެ ޑިފެންޑަރު އެންޓޮނިއޯ ރުޑިގާ ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހިލޭ ޓްރާންސްފާއެއްގައި ރުޑިގާ ހޯދަން ރެއާލުން ވަނީ އޭނާއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައެވެ.

ރުޑިގާ ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރުޑިގާއާ އެކު ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އަދި އެކަށީގެންވާ ކުރިއެރުމެއް ނުލިބެއެވެ. އެއީ ރުޑިގާ ބޭނުންވާ މުސާރަ ބޮޑުުވުމުންނެވެ.

ރުޑިގާ މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު ހަ މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އަލުން ކޮންޓްރެކްޓް އާ ކުރަން ރުޑިގާ ބޭނުންވަނީ މިހާރު ހުރި ކޮންޓްރެކްޓަށް ވުރެ ނިސްބަތުން ބޮޑު މުސާރަ އަކަށްވާތީ ޗެލްސީ އަށް ވަނީ އޭނާއާ އެކު އެއްބަސްވުމަކަށް އާދެވޭ ގޮތް ނުވެފައެވެ.

ރެއާލްގެ އިތުރުން ބާސެލޯނާ އިން ވެސް ދަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް، ދުނިޔޭގައި މިހާރު އެންމެ ނަން ވިދާ ކުޅުންތެރިން އެޓީމަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.