ވޮޝިންގޓަން (މާޗް 8): އަލްޤާޢިދާގެ ކުރީގެ ވެރިޔާ އުސާމާ ބިންލާދިންގެ ހަށިކޮޅު އެމެރިކާ ބުނެފައިވާ ގޮތަށް ކަނޑުގައި ވަޅުލާފައިނުވާ ކަމަށާއި އޭނާގެ ހަށިކޮޅު ގެންދިޔައީ އެމެރިކާ އަށް ކަމަށް އެމެރިކާގެ ޖާސޫސީ ކުންފުންޏަކުން ފޮނުވާފައިވާ އީ މެއިލް އަކާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫސް ބުނެފި އެވެ.

އެ ނޫސް ބުނާ ގޮތުން އެމެރިކާގެ ޖާސޫސީ ކަންތައްތަކާ ބެހޭ ކުންފުންޏެއް ކަމަށްވާ ސްޓާޓްފޯރ ކުންފުނީގެ ނައިބު ރައީސް ފްރެޑް ބާރޓޮން، (އުސާމާ އަވަހާރަކޮށްލި ކަމަށް އެމެރިކާ ބުނި ދުވަހު) އޭނާގެ ރަޙްމަތްތެރިއަކަށް ފޮނުވާފައިވާ އީ މެއިލް އެއްގައި ބުނެފައިވަނީ އުސާމާގެ ހަށިކޮޅު ވަނީ އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއްގައި އެމެރިކާގެ ޑިލަވެއާ ސްޓޭޓަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށާއި ޑަކްޓަރީ ގޮތުން ހަދަން ޖެހޭ ޓެސްޓްތަކެއް ހެދަމަށްޓަކައި އެސްޓޭޓުން އެ ހަށިކޮޅު ގެންދެވޭނީ މިރިލެންޑްގެ ބިޓެސްޑާގައި ހުންނަ ޕެތެލޮޖީގެ ޢިލްމާ ބެހޭ އެމެރިކާ ސިފައިންގެ އިންސްޓިޓިއުޓަކަށް ކަމުގަ އެވެ.

ސްޓާޓްފޯ ކުންފުނީގެ ނައިބު ރައީސް ފްރެޑް ބާރޓޮން، އެ މަޢްލޫމާތު ހިމެނޭ އީ މެއިލް، ފޮނުއްވާފައި ވަނީ އޭނާގެ ރަހްމަތްތެރިއަކަށް ކަމަށް ވެސް ޑެއިލީ ޓެލެގްރާފް ބުނެ އެވެ. މިއީ ވިކިލީކްސް އިން ބޭޒާރުކޮށްލާފައިވާ އެމެރިކާގެ އެތައް ހާސް ސިއްރު ލިޔުންތަކާއި އީ މެއިލްތަކުގެ ތެރޭގައި ހިމެނޭ އީ މެއިލް އެއްކަމަށް ޚަބަރު ލިބެ އެވެ.

އެމެރިކާގެ ޖާސޫސީ ކަންތައްތަކާ ބެހޭ ކުންފުންޏެއް ކަމަށްވާ ސްޓާޓްފޯ ކުންފުންޏާ ގުޅިވަޑައިގަތުމުގެ ކުރިން ފްރެޑް ބާރޓޮން މަސައްކަތް ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖިއްޔާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އާ ބެހޭ ޑިޕާޓްމަންޓް ގަ އެވެ.

ޕާކިސްތާނުގެ އަބޫތު އާބާދުގެ ގެއެއްގައި ސިއްރިޔާތުގައި އުސާމާ ބިންލާދިން ދިރިއުޅުއްވަމުން ގެންދަވަނިކޮށް އޭނާ އަވަހާރަކޮށްލާފައިވާ ކަމަށް އެމެރިކާ ބުނެފައި ވަނީ 2011 ވަނަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ. އުސާމާ އަވަހާރަކޮށްލުމަށް ފަހު އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަނޑުމަތީގައި ކަމަށާއި އުސާމާގެ ހަށިކޮޅު ކަފުންކުރުމަށް ފަހު ކަނޑުފެއްތީ ކަމަށް ބުނެ އެމެރިކާ ވަނީ މުޅިދުނިޔެ އަށް އެކަން އިޢްލާންކޮށްފަ އެވެ.

އެމެރިކާއަކީ ޢިރާޤުގެ ހަތިޔާރުގެ މައްސަލާގައާއި އަދި ސެޕްޓެމްބަރ 11ގެ ޙަމަލާތަކާ ބެހޭ ގޮތުން ވެސް ބޮޑެތި ދޮގުތައްހަދައިވާ ޤައުމެއްކަން ހާމަވެފައި ވާތީ އުސާމާގެ މަރާބެހޭ ގޮތުން އެމެރިކާ ދެއްކި ވާހަކަތައް ދުނިޔޭގެ ގިނަބަޔަކު ގަބޫލު ނުކުރާކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެ އެވެ.

އަދި އުސާމާ އަވަހާރަ ވެފައި ވަނީ 2011 ގެ މާކުރިން ތަބީޢީ މަރަކުން ކަމަށާއި އޭނާ އަވަހާރަކޮށްލެވިއްޖެ ކަމަށްބުނެ އެމެރިކާ ވާހަކަ ދައްކާފައި ވަނީ އަފްޣާނިސްތާނުން ފައިބާނެ ސަބަބެއް ހޯދުމަށްކަމަށް ވެސް ގިނަބަޔަކު ދެކޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

(ޑެއިލީ ޓެލެގްރާފް+މީޑިޔާ ރިޕޯޓްތައް)