27 Dec 2021, 13:49
އިތުބާރު ނެތް ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ދެ މެމްބަރުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ތިން މެމްބަރުން ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކުރީ އިއްޔެއެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.
ވަކިކުރަން ކޮމެޓީން ނިންމީ މެމްބަރުން ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.
ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައިފައިވަނީ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.
ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުފިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.