މިއަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ފޭވަރިޓުންނަކީ އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރެއާ ކަމަށް ނޭޕާލް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރާޖޫ ކަޖީ ޝަކިޔާ ބުނެފި އެވެ.

އެންމެ ފަހުގެ އޭއެފްސީ ޗެލެންޖްގެ ކަޕުގެ ޗެމްޕިއަންކަން އުތުރު ކޮރެޔާ ކާމިޔާބުކުރީ ފައިނަލުގައި ތުރުކުމެނިސްތާންގެ މައްޗަށް ކުރި ހޯދުމަށް ފަހުގަ އެވެ. 2010 ވަނަ އަހަރުގެ ޗެލެންޖް ކަޕް އުތުރު ކޮރެޔާ އިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުންނެވެ.

ޝަކިޔާގެ ކެޕްޓަންކަމުގެ ދަށުން ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމާއި އެކު އޭނާ ވަނީ 1993 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރަން މެޑަލް އެއް ހޯދައިފަ އެވެ. އަށް ޓީމު ބައިވެރިވާ މުބާރާތެއް ކާމިޔާބުކުރުމަކީ އުތުރު ކޮރެޔާ އަށް ފަސޭހަ ކަމެއް ކަމަށް ޝަކިޔާ ބުނެފައި ވެއެވެ.

"މުބާރާތްތަކަށް ބަލާއިރު، އުތުރު ކޮރެޔާ އަކީ ބަލިކުރަން އުނދަގޫ ޓީމެއް. އުތުރު ކޮރެޔާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް ބައިވެރިވި ޓީމެއް. އެހެންކަމުން އެޓީމަކީ ބޮޑު މުބާރާތްތަކުގެ ތަޖުރިބާ ވެސް ހުރި ޓީމެއް. މި ސަބަބާއި ހުރެ އުތުރު ކޮރެޔާ ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ." ޝަކިޔާ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕް މިއަދު ފަށާއިރު، މިއަދު ދެމެޗެއް ކުރިއަށް ދާނެ އެވެ. އެއް މެޗުގައި ފަލަސްތީނާއި ދެކޮޅަށް ނޭޕާލް ބައްދަލުކުރާއިރު، އަނެއް މެޗުގައި ވާދަކުރާނީ ދިވެހިރާއްޖެ އާއި ތުރުކުމެނިސްތާނެވެ.